ޚަބަރު

މިޔަންމާގެ އަސްކަރިއްޔާއިން އިންސާނިއްޔަތާ ޚިލާފު ޖަރީމާ ހިންގައިފައިވޭ: އދ


މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ ޢާއްމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާކަމަށް އދން ބުނެފިއެވެ.

ފެބުރުއަރީ މަހުގެ 1ވަނަ ދުވަހު މިޔަންމާގެ އިސްވެރިޔާ އަން ސަން ސޫ ކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތްކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިޞްބަތްވާ އިސްވެރިންވަނީ ހައްޔަރުކޮށްފައެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫ ކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް އަސްކަރިއްޔާއިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި 900އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މިޔަންމާގައި ހިންގަމުންދާ ޖަރީމާތައް ތަޙްޤީޤުކުރުމަށް އދން ޤާއިމުކޮށްފައިވާ އިދާރާއިން ބުނެފައިވަނީ ޢާއްމުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ހިންގާފައިވާ ޖަރީމާތަކުގެ ފުރިހަމަ ހެކި ލިބިފައިވާކަމަށެވެ. 1.5 މިލިޔަން ކަރުދާސް ދިރާސާކުރުމަށްފަހު އދން ބުނެފައިވަނީ މިޔަންމާގެ އަސްކަރިއްޔާއިން ރާވައިގެން ވަކި ނިޒާމެއްގެ ތެރެއިން އެ ޤައުމުގެ ޢާއްމުންނަށް އަނިޔާވެރިވަމުންދާކަމަށާއި އަދާކުރަމުންދާ ވަޒީފާއާ ގުޅުވައިގެން ޤާނޫނާ ޚިލާފަށް ވަކި ބަޔަކު ޙައްޔަރުކޮށް އަދަބުދެމުންދާކަމަށެވެ.

މިޔަންމާގެ އަސްކަރިއްޔާއިން މީގެ ކުރިންވެސްވަނީ އެ ޤައުމުގައި އަނިޔާވެރި ދިގު ވެރިކަމެއް ކޮށްފައެވެ. ނަމަވެސް 50 އަހަރަށްފަހު އަސްކަރިއްޔާއިން ބާރުތައް ދޫކޮށްލައި 2015ވަނަ އަހަރުގެ ތެރޭގައި ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވީ ސޫ ކީއެވެ. އަދި އެއާއެކު މިޔަންމާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އެ ޤައުމަށް ބޭރުގެ މާލީ އެހީތެރިކަން ލިބެން ފަސޭހަވިއެވެ. ނަމަވެސް އޭގެ ފަހުން 2021ވަނަ އަހަރުގެ ތެރޭގައި ބޭއްވި އިންތިޚާބު ސޫ ކީ ކާމިޔާބުކުރެއްވުމުން އަސްކަރިއްޔާއިންވަނީ އަނެއްކާވެސް ބަޣާވާތްކޮށް ސިފައިންގެ ބާރުގެ ދަށަށް އެ ޤައުމު ގެންގޮސްފައެވެ.