ވިޔަފާރި

އެމެރިކާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރު ކުރުމަށް ނޫސްވެރިންގެ ޓީމެއް ރާއްޖޭގައި


އެމެރިކާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް އެމެރިކާގެ މީޑިއާ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެމްޕީއާރްސީން މަޢުލޫމާތު ދިންގޮތުގައި، އެމްއެމްޕީއާރްސީގެ ދައުވަތަކަށް ރާއްޖޭގައި ހަރަކާތްތެރިވާ އެމެރިކާގެ ފްރީލާންސް ނޫސްވެރިން ލިޔާ ކޮންޓެންޓާއި ފޮޓޯ އަދި ވީޑިއޯ ގާތްގަނޑަކަށް މިލިއަނަކަށް ވުރެ ގިނަ މީހުންނާ ހިސާބަށް ފޯރާނެއެވެ. އެގޮތުން، ޔޫއެސްއޭ ޓުޑޭއި ޓްރެވެލް ޕްލަސް ލެއިޝާރ، ކޯންޑެ ނާސްޓް ޓްރެވެލަރ، ލޯންލީ ޕްލެނެޓް، ބްލޫ މެގަޒިން އަދި މެޓަޑޯރ ނެޓްވޯކް ފަދަ ވަސީލަތްތަކަށް މިކޮންޓެންޓް ފޯރާނެއެވެ.

ނޫސްވެރިން ކުރާ މިދަތުރުގައި އެމެރިކާގެ ފަތުރުވެރިންނަށް ބޭނުންވާ ތިމާވެއްޓާއި އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ޚާއްސަ އަހަމިއްޔަތެއް ދީގެން ނޫސްވެރިންނަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މީގެ އިތުރަށް ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އެމެރިކާގެ 6 ނޫސްވެރިއަކު ބައިވެރިވާ މި ތަޖުރިބާ ދަތުރުގައި ކޮންމެ ނޫސްވެރިއެއް ވެސް އެއް އާޓިކަލްއަށް ވުރެ ގިނަ އާޓިކަލް އެކި ވަސީލަތްތައް މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިމަހުގެ 10ގެ ނިއަލަށް މީޑިއާގެ މިޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ ކޮކޯ ބޮޑު ހިތި، ޔޮޗް މޯލްޑިވްސް އަދި ރީތި ބީޗް ރިސޯޓުގައެވެ. މިމުއްދަތުގައި ސްނޯކްލިން އާއި ސްޕާ ތަކާއި، އަދި ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގޭ އެކި ވޯޓާ ސްޕޯޓް ކުޅިވަރުތައް މިޓީމުން ތަޖުރިބާ ކުރާނެއެވެ. އަދި މީގެ އިތުރުން ފަތުރުވެރިކަމުގެ އެކި ޕްރޮޑަކްޓުތައް ތަޖުރިބާކޮށް ރާއްޖެއަށް ޚާއްސަ ކަންކަން ވެސް މިޓީމުން ތަޖުރިބާ ކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އެމެރިކާގެ މާކެޓުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް އެމްއެމްޕީއާރްސީން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިމާކެޓަކީ މިހާރު 4 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާ މާކެޓެވެ. މިމާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މިއަހަރު މީގެ ކުރީންވެސް މީޑިއާ ޓީމެއް ރާއްޖެ އައިސްފައިވާއިރު، އައިއެލްޓީއެމް އުތުރު އެމެރިކާ ފެއާގައި މިދިޔަ އޮކްޓޯބަރު މަހު ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. އަދި ނޮވެމްބަރު މަހު ޑެމާ ޝޯ 2021 ގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.