ޚަބަރު

ކޯވިޑް-19އަށް ފުރަތަމަ ފަހަރަށް ބޭހެއް


ކޯވިޑް-19އިން ދިފާޢުވުމަށް ފުރަތަމަ ފަހަރަށް ބޭހެއް އީޖާދުކޮށް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ދީފިއެވެ. މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑްގެ ނުރައްކަލުގެ ޙާލަތު ބަދަލުކޮށްލާނެ ކުރިއެރުމެއްކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

2019 ވަނަ އަހަރު ކޯވިޑް ބަލި ޗައިނާއިން ފެނުމާ ގުޅިގެން ބަލިން އަރައިގަތުމަށް ސައިންސްވެރިން އަންނަނީ ވެކްސިންއާއި ބޭސް އުފެއްދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ދުނިޔޭގައި އެންމެ އަވަހަށް އުފެއްދި ވެކްސިންގެ ގޮތުގައި ކޯވިޑް ވެކްސިންވެފައިވާއިރު މިބައްޔާ ދެކޮޅަށް ދޭނެ ބޭހެއް އުފެއްދުމުގައިވެސް ސައިންސްވެރިންގެންދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ މެޑިސިން އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީން ވަނީ އެމެރިކާގެ ބޭސްއުފައްދާ ދެ ކުންފުންޏެއްކަމަށްވާ މަރކް ޝާޕް އެންޑް ޑޯމް(އެމްއެސްޑީ)އާއި ރިޖްބެކް ބަޔޯތެރަޕިއުޓިކްސް ގުޅިގެން ތައްޔާރުކޮށްފައިވާ "މޯލްނުޕިރަވިއަރ" އެޤައުމުގައި ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. މި ބޭސް އިންސާނުންނަށް ޓެސްޓުކުރުމުގެ މަރުޙަލާކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މިބޭހުގެ ކްލިނިކަލް ޓްރައަލްގައި ބައިވެރިވި މީހުންގެ ތެރެއިން ކޯވިޑްގެ ސަބަބުން ފުރާނައަށް ނުރައްކާ ވާ ދަރަޖައަށް ނުވަތަ ޙާލު ބޮޑުވެގެން ހޮސްޕިޓަލްގައި ފަރުވާދޭންޖެހޭ ހިސާބަށް ދިޔަ މީހުންގެ ޢަދަދު ދެބައިކުޅަ އެއްބައި މަދުވި ކަމަށް އިނގިރޭސިވިލާތުގެ ސިއްޙަތާ ބެހޭ އިދާރާއިންވަނީ ވިދާޅުވެފައެވެ. އެގޮތުން ކްލިނިކަލް ޓްރައަލްގައި މި ބޭސް ދިން 775 މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކުރަންޖެހުނީ ހަމައެކަނި 7.3 އިންސައްތަ މީހުންކަމަށް ވަނީ ހާމަކޮށްފައެވެ.


އިނގިރޭސިވިލާތުންވަނީ މިހާރު 480،000 ޑޯޒްގެ ބޭސް މިހިނގާ ނޮވެމްބަރު މަހު ގަތުމަށް ނިންމާފައެވެ. އަދި އެޤައުމުގައި މިބޭސް ދެމުންގެންދާނީ ހަމައެކަނި ކޯވިޑްގެ ޙާލަތު ޢާއްމު ޙާލަތަށްވުރެ އެމީހެއްގެ ނުރައްކަލަށް ހުށައެޅޭ ދަރަޖައިގައި ތިބޭ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި ފަލަބަލި ހުންނަ މީހުންނާއި ހަކުރު ބަލި ނުވަތަ ހިތުގެ މައްސަލަ ހުންނަ މީހުންނަށެވެ.

ކޯވިޑް ވައިރަހުގެ ޖެނެޓިކް ކޯޑަށް ބަދަލުގެނެސްގެން ވައިރަހުގެ މާއްދާތައް ހަށިގަނޑުގައި އިތުރުވުން ކޮންޓްރޯލްކޮށްގެން ބަލީގެ ނުރައްކާ ކުޑަ ކުރާ ގޮތަށް ތައްޔާރުކޮށްފައިވާ މިބޭސް ކޯވިޑްގެ އެކި ވޭރިއެންޓް ތަކަށްވެސް އިފެކްޓިވްވާނެކަމަށް ބޭސް އުފެއްދި ކުންފުނިން ހާމަކުރެއެވެ.

ކޯވިޑަށް އެކިއެކި ފަރުވާ މިވަގުތު ދެމުން އަންނައިރު ސީދާ މިބައްޔަށް ކަނޑައެޅިގެން އަދި ބޭހެއް އެއްވެސް ޤައުމަކުން ނުއެއް ދެއެވެ. އެހެންކަމުން އެމެރިކާގެ ކުންފުނިތަކުން މިހޯދި ބޭސް އިނގިރޭސިވިލާތުގައި ބޭނުންކުރަން ފެށުމުން އެޤައުމު ހިމެނޭނީ މިބައްޔާ ދެކޮޅަށް ބޭސް ބޭނުންކުރަން ފެށި ފުރަތަމަ ޤައުމަށެވެ. މިބަލި މުޅި ދުނިޔެއިން 226 މިލިއަން މީހުންނަށް ޖެހިފައިވާއިރު މިހާތަނަށް މިބަލީގައި 5 މިލިއަނަށްވުރެ ގިނަ މީހުންވަނީ މުޅި ދުނިޔެއިން ނިޔާވެފައެވެ.