ވިޔަފާރި

ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅޭ މަޝްވަރާތައް ޗައިނާއާއެކު ފަށައިފި


ރާއްޖެއާއި ޗައިނާ އާއި ދެމެދު އެކުލަވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ފްރީ ޓްރޭޑް އެގްރީމެންޓާއި ގުޅޭ ރަސްމީ ވާހަކަތައް ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ފައްޓަވައިފިއެވެ.ދެ ޤައުމުގެ ކަމާއިބެހޭ އިދާރާތަކުގެ މެދުގައި ކުރިއަށްގެންދަވާ މި ރަސްމީ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދެވެ. އަދި ޗައިނާގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވާ ވަފްދުގެ އިސް ވެރިއަކީ އެ ޤައުމުގެ ކޮމާރސް މިނިސްޓްރީގެ އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އިކޮނޮމިކް އެފެއަރޒް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ހޮންގް ޝިއައޯ ޑޮންގްއެވެ.  މީގެ އިތުރުން ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ފޫކާންގް ވެސް މި ބައްދަލުވުން ތަކުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ރާއްޖޭގައި ކުރިއަށްގެންދާ ބައްދަލުވުން ތަކަކީ ފްރީ ޓްރޭޑް އެގްރީމެންޓް، ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާއި ގުޅޭ ރަސްމީ ވާހަކަތަކުގެ ފުރަތަމަ ބުރެވެ. މި ވާހަކަތަކުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. ރާއްޖޭގައި ބާއްވާ ވާހަކަ ތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރައްވާނީ ދެ ޤައުމުގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއަށް އެންމެ ބޮޑު ފައިދާއެއް ކުރާނެ ކަންކަމާއި ގުޅޭގޮތުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކޮށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް ނިންމަވާ، އެކަމަށް ޖޮއިންޓް ޓްރޭޑް ކޮމިޓީއެއް އެކުލަވާލައްވާފައިވަނީ މިދިޔަ އަހަރު ޗައިނާގެ ރައީސް ޝީ ޖިންޕިންގ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.