ޚަބަރު

ފުލުހުންގެ އަމާޒަކީ ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން


ފުލުހުންގެ އަމާޒަކީ ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ޚިދުމަތްތަކެއް މުޅި ރާޢްޖެއަށް ފޯރުކޮށްދިނުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ހއ. ތުރާކުނުގައި ގާއިމްކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހއ. ތުރާކުނުގައި ގާއިމްކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުއްވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި މިހާރު ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެ މުހިންމު އަސާސީ ފަލްސާއަކީ އަވައްޓެރި ފުލުހުންގެ ޚިދުމަތްކަމަށް ވިދާޅުވިއެވެ. އަދި އެޚިދުމަތް ގާއިމްކުރެވިގެން ދަނީ ކޮންމެހެން ކުށް އުފެދިގެން ނުވަތަ އުފަންވެފައި އޮތުމަކުން ނޫންކަމަށާއި ކުުށާ ހަމައަށް ދިއުމުގެ ކުރިން ކުށަކަށް ވެދާނެ ކަންކަން ދެނެގަނެ މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތަށް ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކައިގައި ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް އަމަލުކުރަމުންދާއިރު، ފުލުހުންގެ މަސައްކަތްތައް އިންތިޒާމްވެގެންވާ ގޮތް ވަރަށް ސާފުކޮށް ގާނޫނުގައި ކަނޑައަޅާފައިވާކަމަށެވެ. އަދި ލާމަރުކަޒީކޮށް ޚިދުމަތް ދިނުމަށާއި މުޖުތަމައުގެ އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ޤާނޫން ބާރުއަޅުއްވާފައިވާކަން ފާހަގަކުރައްވައި، ފުލުހުންގެ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ޚިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ފުލުހުންގެ ޚިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަށް ފުލުހުންގެ ޚިދުމަތް ބަދަލުކުރަމުން ގެންދިއުމަށް ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ލޯކަލް ޕޮލިސިންގ ކަނޑައަޅާފައިވަނީ އަތޮޅުތެރޭގައި ދެވޭ ފުލުހުންގެ ޚިދުމަތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުމުގެ ގޮތުންކަމަށާއި ހޯރަފުށިން ފުލުހުން އައިސް ދެމުން ދިޔަ ޚިދުމަތަށް ނިމުން އައިސް ތުރާކުނުގައި ފުލުހުންގެ ޚިދުމަތް ދެވިގެންދާނެކަމަށެވެ. އަދި ރައްޔިތުންނާއި ރާއްޖޭގެ އެހެން ރަށްތަކަށް އަންނަ ބަދަލުތައް ފަދައިން ތުރާކުނުގެ އާންމު މަސްލަހަތާއި ކުށު ވެއްޓަށް ބަދަލުތަކެއް އައުން އެއީ ފުލުހުން ސަމާލުވެ ދުރާލައި ފިޔަވަޅުތައް އަޅަންޖެހޭކަމެއްކަމުގައި ވިދާޅުވިއެވެ.

"ތުރާކުނަށް ތައާރަފްވުމަށް ފުރުސަތު އޮތް ކުށްތަކާއި އެކުށްތަކަށް އޮތް ކަންބޮޑުވުމާއި ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކޮށް، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ގާއިމްވެ ތިބުމަކީ މުހިންމުކަމެއް. އަދި ޕޮލިސް ޑެސްކެއް ގާއިމްވެގެން ދިއުމާއެކު މިފަދަ ޕެންޑަމިކެއް މެދުވެރިވާ ހާލަތެއްގައި ރައްޔިތުންނާއި ކައުންސިލާއި ހެލްތު ސެންޓަރާ ގުޅިގެން މަސައްކަތްކުރަންޖެހޭ ކުރުުމުން ފެށިގެން ރަށުގައި ހިންގާ ކުށުގެ އަމަލުތަަކަށް ފާރަވެރިވެ އެކުށްތައް ހުއްޓުވުމަށް އަތޮޅުގައި ގާއިމްވެފައިވާ ފުލުހުންގެ ޓީމުތަކާއެކު މަސައްކަތްކުރުމާއި ރައްޔިތުންނާ ގާއިމްކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލްކުރުމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރެވިގެންދާނެ."ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ވަނީ ރައްޔިތުންނާއި މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ރަށުގެ ވެއްޓަކީ އަމާން ތަނަކަށް ހެދުމަށް މަސައްކަތްކޮށްދެއްވުމަށް ހއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައި. އަދި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އެންމެ ކުރީ ސަފުގައި ފުލުހުންނާއެކު އަތުގުޅާލައިގެން މަސައްކަތްކޮށްދެއްވުމަށް ތުރާކުނު ރައްޔިތުން ކިބައިން ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.

ތުރާކުނު ޕޮލިސް ޑެސްކު ހުޅުވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޑެސްކު ބައްލަވާލައްވާފައެވެ.