ޚަބަރު

ކޯވިޑުގައި ނިޔާވި މީހުންގެ ޢަދަދު 245އަށް


ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެ މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 245އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވީ މިއަދު މެންދުރުކުރި 11:46ހާއިރު ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. މިމީހާ ނިޔާވެފައިވަނީ އައްޑޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 245އަށް އަރާފައެވެ. ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑް ބަލީގައި މަރުވާ މީހުންގެ ނިސްބަތްމަދުވެފައިވީ ނަމަވެސް ވޭތުވެދިޔަ ކޮންމެ ހަފްތާއެއްގައި ދެމީހަކުވަނީ މިބަލީގައި ނިޔާވެފައެވެ. އެންމެ ފަހުން މިބަލީގައި މީހަކު ނިޔާވެފައިވަނީ އިއްޔެއެވެ. އެއީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ޢުމުރުން ދުވަސްވީ މީހެކެވެ.

ކޯވިޑްޖެހޭ ނިސްބަތް މާލެ ސަރަޙައްދުގައި ކޮންމެވެސް ވަރަކަށް ހިފެހެއްޓިފައިވީނަމަވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ކޯވިޑްގެ ކޭސްތައް އަންނަނީ ގިނަ ޢަދަދަކަށް ޕޮޒިޓިވްވަމުންނެވެ. މިވަގުތުވެސް 23 ރަށެއް މޮނީޓަރިންއަށްލާ އަރާފޭބުންވަނީ މަނާކޮށްފައެވެ. މިގޮތުން މިދިޔަ އޯގަސްޓްމަހު މޮނީޓަރިންއަށް ލާފައިވާ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުންވެސް ޕޮޒިޓިވްވާ ޢަދަދު އަދިވެސް ކޮންޓްރޯލްއެއް ނުވެއެވެ.