ވިޔަފާރި

ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތައް ރަޖިސްޓްރީކުރަން އަންގައިފި


ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ވިދާޅުވީ، ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، ވިލިމާލޭގައި ދުއްވާ ބެޓެރި ވަހިކަލްތަކުގެ ދަފްތަރެއް މާލެ ސިޓީ ކައުންސިލްގައި އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތައް މިމަހުގެ 19ވަނަ ދުވަހުގެ ކުރިން ކައުންސިލްގައި ރަޖިސްޓްރީކުރުމަށް ސިޓީ ކައުންސިލުންވަނީ އަންގާފައެވެ. އަދި މިމުއްދަތުގެ ފަހުން ވިލިމާލެއަށް އަރުވާ ބެޓެރި ވެހިކަލްތައްވެސް ކައުންސިލްގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ އެކަމަށް އެދިހުށަހެޅުއްވުމަށް މާލެ ސިޓީ ކައުންސިލްގެ (www.malecity.gov.mv) ވެބްސައިޓްގައި އެކަމަށް ކަނޑައެޅިފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ވިލިމާލެއަކީ ރާއްޖޭގެ އެހެން ރަށްރަށާ، ޚިލާފަށް ތިމާވެއްޓާއި ރައްޓެހި މާހައުލެއް އޮންނަ ރަށެކެވެ. އެގޮތުން އެރަށުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނަލެވެ.