ވިޔަފާރި

ތިންވަނަ ކުއާޓަރގައި ދިރާގަށް 610 މިލިއަން ރުފިޔާގެ ޢާމްދަނީއެއް


މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް 610 މިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިއްޖެއެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބުނު 617 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު، %1 ދަށް ޢަދަދެކެވެ.

ދިރާގުން ޢާމްކުރައްވާފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާގޮތުން އެކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 191 މިލިއަން ރުފިޔާއެވެ. މި ޢަދަދަކީވެސް މިއަހަރުގެ ދެވަނަ ކުއާޓަރއާ އަޅާ ބަލާއިރު ދަށް ޢަދަދެކެވެ.

ތިންވަނަ ކުއާޓަރުގައި މޯބައިލް ޚިދުމަތްތަކުން ލިބުނު ޢާމްދަނީ ވަނީ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު ވަރަށްބޮޑަށް ދަށްވެފައެވެ. މިދިޔަ ކުއާޓަރގައި މޯބައިލް ޚިދުމަތްތަކުން ލިބިފައިވަނީ 325 މިލިއަން ރުފިޔާއެވެ. ނަމަވެސް ދެވަނަ ކުއާޓަރގައި މި ޢަދަދު އުޅުނީ 340 މިލިއަނުގައެވެ. ފިކްސް ބްރޯޑްބޭންގެ ޚިދުމަތުން ލިބުނު އާމްދަނީއަށްވަނީ ތިންވަނަ ކުއާޓަރގައި ކުރިއެރުމެއް ލިބިފައެވެ. އެއީ 268 މިލިއަނެވެ. ދެވަނަ ކުއާޓަރގައި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 261 މިލިއަނެވެ.

ޢާމްދަނީއާއި ފައިދާ ދަށްވުމުގެ މައިގަނޑު ސަބަބަކީ މިއަހަރުގެ 3ވަނަ ކުއާޓަރގެތެރޭގައި އެކުންފުނިން ދެމުންއަންނަ އިންޓަރނެޓުގެ ޚިދުމަތުގެ އަގު ހެޔޮކުރުންކަމަށް ދިރާގުން ވިދާޅުވެއެވެ. އަދި ކޯވިޑާ ގުޅިގެން ރާއްޖެއަންނަ ފަތުރުވެރިންގެ ޢަދަދު ދަށްވެ ރޯމިންގ ޚިދުމަތުން ދިރާގަށް ލިބުނު އާމްދަނީ ދަށްވުމަކީވެސް މި ކުއާޓަރގެ އާމްދަނީއަށް އަސަރުކުރި ސަބަބެއްކަމަށް ދިރާގުން ވިދާޅުވެއެވެ.