ޚަބަރު

ޤާޟީ ފާއިޒު 2 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި


ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީ އިން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނަލިސިސްއިން، އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާތީ ކޮމިޝަނުން އެކަން ތަޙުޤީޤުކުރަން ނިންމާފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގެ ބާވަތަށާއި ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ތ)ގެ ދަށުން، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، މިމަހުގެ 05 ވަނަ ދުވަހުން ފެށިގެން ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދަށް އެންގުމަށް ވަނީ ނިންމާފައެވެ.