ޚަބަރު

ޗައިނާގެ ރައީސަށް ރައީސް ހަމްދަރްދީ ފޮނުއްވައިފި


ޗައިނާގެ ޝެންޒެން ސަރަޙައްދަށް ދިމާވި ހިތާމަވެރި ކިސަޑު ފޭބުމުގެ ޙާދިޘާއާ ގުޅިގެން އެތައް ބަޔަކު ޒަޚަމްވެ އަދިވެސް ގިނަ ބަޔަކު ގެއްލިފައިވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، ޗައިނާގެ ރައީސް ޝީ ޖިންޕިންގަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ޙާދިޘާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބު ވާނެކަމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މިމަސައްކަތްތަކުގައި އެޤައުމުގެ ރައްޔިތުން ދައްކަމުން ގެންދާ އެއްބައިވަންތަކަމާއި ހިތްވަރު ފާހަގަކުރައްވާފައިވެއެވެ.