ގްލާސްގޯގައި ބޭއްވި ކޮޕް-26 ކްލައިމެޓް ކޮންފަރެންސަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އދ.ގެ 76ވަނަ ޢާންމު މަޖިލީހުގެ ރައީސް، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު އެނބުރި ނިއުޔޯކަށް ވަޑައިގެންފިއެވެ.
ކޮޕް26 ސަމިޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޢަބްދުﷲ ޝާހިދު ތަޤްރީރު ކުރައްވަމުން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން އިންސާނިއްޔަތަށް ލިބިފައިވާކަމަށެވެ. ޝާހިދު ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި ޖެނެރަލް އެސެމްބްލީ ހައި-ލެވެލް ޑައިލޮގް އޮން ޑެލިވަރިންގ ކްލައިމެޓް އެކްޝަންގެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކާއި ދެކެވުނު ވާހަކަތައް ކޮޕް-26 ގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި މާލީ އެހީތެރިކަން ހޯދުމާއި، ޓެކްނޯލޮޖީ ބަދަލުކުރުމާއި، އެޑަޕްޓޭޝަނަށް އިތުބާރުހުރި ވަޞީލަތްތައް ހޯދުމަށް މެންބަރު ޤައުމުތަކުން ގޮވާލެއްވިއެވެ.
ކޮޕް26 ގެ 2 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ވޯލްޑް ލީޑަރސް ސަމިޓްގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ވެރިންނާ ބައްދަލުކުރައްވާފައެވެ. ޚާއްސަކޮށް މޫދުމީ ބަދަލުތަކުގެ ގެއްލުން ބޮޑު ކުދި ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާފައިވެއެވެ. އަދި ޔޫރަޕިއަން ކޮމިޝަންގެ އިސްވެރިންނާއި މިނިސްޓަރުންނާ ބައްދަލުކުރައްވާފައެވެ.
މިނިސްޓަރ ޝާހިދުވަނީ އެލް.ޑީ.ސީ. ގްރޫޕް (ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ގްރޫޕް)ގެ ޗެއަރ، މަލާވީގެ ރައީސް ލަޒަރޫސް ޗަކްވެއާވެސް ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން، ޝާހިދުވަނީ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ޒުވާނުންނާއެކު ވަށް މޭޒު ބައްދަލުވުމެއްގައި މަޝްވަރާކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައިނަލްއަޤްވާމީ ޕެނަލްގެ އަންހެން ސައިންޓިސްޓުންނާއެކު ބައްދަލުކުރައްވާ މޫސުމީ ސައިންސާއި ސިޔާސަތުތައް ކަނޑާއެޅުމުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ހުރި ހުރަސްތަކާ ބެހޭގޮތުން ޝާހިދުވަނީ މަޝްވަރާކުރައްވާފައެވެ.
3 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ އެއޯސިސް ލީޑާސް ޑައިލޮގްގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި އިތުބާރުހުރި އަދި އެކަށީގެންވާ މާލީ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.
2030 ވަނަ އަހަރު އަންނަންވާއިރަށް ޖަންގަލިތަކުން ބޮޑެތި ގަސް ކެނޑުން ނިމުމަކަށް ގެނައުމަށް އިއުލާނު ކުރުމުން އެކަމަށް ޝާހިދު މަރުހަބާ ވިދާޅުވިއެވެ. ހަމަ އެފަދައިން 2030ވަނަ އަހަރު އަންނަންވާއިރަށް މީތެން ގޭސް ބޭރުކުރާ މިންވަރު %30 އިންސައްތައަށް ދަށްކުރުމަށް ވެފައިވާ ވަޢުދަށް މަރުޙަބާ ވިދާޅުވެ، މިއީ 1.5 ލަނޑުދަނޑި ދެމެހެއްޓުމަށް ޓަކައި ބިނާކުރަނިވި އަދި ހަރުދަނާ ފިޔަވަޅުތަކެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ޝާހިދު ވަނީ ކޮޕް26 ގައި އާއްމުންނަށް ހުޅުވާލާފައި އޮތް ގްރީން ޒޯން އަށް ޒިޔާރަތްކުރައްވައި، މޫސުމީ ބަދަލުތަކާ ގުޅޭ ވައިރަލް ވީޑިއޯއެއް ހެދި ދިވެހިރާއްޖެއަށް ނިސްބަތްވާ އަލްމާންއާ ބައްދަލުކުރައްވާފައެވެ.