ޚަބަރު

ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ރިވެޓްމަންޓް ޖަހަން ފަށައިފި


ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ރ.ފައިނުގައި ކުރިއަށްގެންދާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން އެސަރަހައްދުގައި ޖީއޯ ބޭގްސް ރިވެޓްމަންޓް ޖަހަން ފަށައިފިއެވެ.

މި މަސައްކަތް ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނީ މުޅި މަޝްރޫއުގެ 63 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މިމަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލި ބެކްފިލްކޮށް 250 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ރފައިނުގައި ގިރަމުން ދަނީ އެރަށު އިރުމަތީ ފަރާތުންނެވެ. އެސަރަހައްދަކީ ފައިނުގައި އެންމެ ހިތްގައިމު އެއް ބީޗް އޮންނަ ސަރަހައްދުކަމަށާއި، އިރުވައި މޫސުމުގެ އެކިދުވަސްތަކުގައި އެސަރަހައްދު ގިރަމުންގޮސް މިހާރު މީހުން ދިރިއުޅޭ ސަރަހައްދާ 70 ވަނަރަކަށް ފޫޓަށް ގިރާފައިވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

ފައިނަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވާން ފެށީ އެރަށު ބަނދަރުހެދުމަށް ފަހުއެވެ. ސަރުކާރުން އެރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކަކީ ރައްޔިތުންނަށް އެންމެ މުހިންމު މިހާރުން މިހާރަށް ހައްލުންކުރަންޖެހޭ ކަންތައްތައްކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 8.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.