ޚަބަރު

މެއި 6 - ރައީސް ނަޝީދުގެ ހަށިފާރަވެރިންނަށް ޤައުމީ ފެންވަރުގެ އިނާމެއް ޙައްޤު: މާރިޔާ


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއިމަހުގެ 6 ވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާގައި ރައީސް ނަޝީދުގެ ހަށިފާރަވެރި ސިފައިންނަށް ޤައުމީ ފެންވަރުގެ އިނާމެއް ޙައްޤުކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ އައްޑަނަ މަޖައްލާގެ 30 ވަނަ އަދަދުގައި ހިމަނުއްވާފައިވާ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ ހިތާބުގައި ވިދާޅުވީ މި އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގައި، އެ މަނިކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި ސިފައިންގެ ބޭކަލުން ވަނީ ހިތްވަރާއި ހުޝިޔާރުކަމާއި ޤާބިލުކަމުގެ ނަމޫނާއެއް ދައްކަވާފައިކަމަށެވެ.

އެ ހާދިސާ ހިނގި ޙައްސާސް ދަނޑިވަޅުގައި، އެ ބޭކަލުންގެ ހަށިކޮޅަށް ލިބުނު ޒަޚަމްތަކާއެކުވެސް، އެ ބޭކަލުންގެ ޢަމަލުތައް ބެހެއްޓެވީ ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގައިކަމަށް ބޮމުގެ ހަމަލާގެ އިންކުއަރީ ކުރިއަށްގެންދިޔަ މަޖިލީހުގެ ކޮމިޓީންވެސް ފާހަގަކުރައްވާފައިވާކަން މިނިސްޓަރ ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން މަޖިލީހުގެ 241 ކޮމެޓީން ހެދި އިންކުއަރީއާއި ގުޅިގެން ސަލާމަތީ ކަންކަން ހަމަޖެހިފައިވާ ގޮތުން ބެލުމަށް ޑިފެންސް މިނިސްޓްރީގެ އިސްބޭފުޅުން ވަނީ ކޮމެޓީއަށް ހާޒިރުކޮށްފައެވެ.

ކޮމެޓީގައި އެދުވަހު ސިފައިންގެ ހަށިފާރަވެރިން ކުރެއްވި މަސައްކަތަށް ތައުރީފް ހައްގުކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި އެދުވަހު ދިވެހި ޤައުމީ ދިފާއީ ބާރުން ދެއްކި ސާބިތުކަމަށްޓަކައި ޤައުމީ ފެންވަރުގެ އިނާމެއް ޙައްޤުވާކަމަށް ކޮމިޓީން ވިދާޅުވެފައިވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިފައިންނަކީ ފަންނީ، ޤާބިލު، ޕްރޮފެޝަނަލް، "ފައިޓިންގ ފިޓް ފޯސް" އަކަށް ހެއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހަރުދަނާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި، ވަނީ ގިނަ ކުރިއެރުންތަކެއް ހާސިލުކޮށްފައިކަމަށެވެ.

ކޯވިޑް19- ޕެންޑެމިކް ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ވިޔަސް، ގަދަ ވިއްސާރައިގައި ހިނގާ ކަނޑުމަތީ ހާދިސާތަކުގައި ވިޔަސް، އަދި މި ނޫނަސް، އެހީގެ ޢަތަކަށް އެދި ރައްޔިތުން ގޮވާލި ކޮންމެ ފަހަރަކު، އެންމެ ކުރީ ސަފުގައި، ސިފައިން ހަރަކާތްތެރިވާކަން ނުހަނު އުފަލާއި ހިތްހަމަޖެހުމާ އެކީ ފާހަގަކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.