ޚަބަރު

މިއަދު ކޯވިޑަށް ޕޮޒިޓިވްވި އަދަދު 200އިން މައްޗަށް


އިތުރު 219 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޢަދަދު 88،200 އިން މައްޗަށް އަރައިފިއެވެ. މިއީ ހަފްތާއަކަށްވުރެ ގިނަ ދުވަސްފަހުން އަދަދުތައް 200އިން މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 219 މީހުންގެ ތެރޭގައި ގިނައީ އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވީ މީހުންނެވެ. އެގޮތުން އަތޮޅުތެރެއިން 173 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި މާލެއިން 29 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 17 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 88،277 އަށް އަރާފައެވެ. އަދި މިވަގުތު މިބައްޔަށް 1981 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 33 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 98 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 86،040އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،069 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 243 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ