ޚަބަރު

އައްޑަނަ މަޖައްލާގެ 30 ވަނަ ޢަދަދު ނެރެފި


އައްޑަނަ މަޖައްލާގެ 30 ވަނަ ޢަދަދު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ މިއަދު ނެރެދެއްވައިފިއެވެ.

ޑިފެންސް މިނިސްޓަރ އައްޑަނަ މަޖައްލާ ނެރެދެއްވީ، 33 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ކަޅުތުއްކަލާކޮށީގައި މިއަދު ހަވީރު ބޭއްވި ވިކްޓްރީ ލެޕް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

ކޮންމެ އަހަރަކު ދެފަހަރު ޝާއިޢު ކުރަމުން އަންނަ އައްޑަނަ މަޖައްލާގެ މިފަހަރުގެ ޢަދަދުގެ ކަވަރ ސްޓޯރީ އަކީ، "ފަޚުރުވެރި ސިފައިން" މިއެވެ. މިފަހަރުގެ މަޖައްލާގައި ޤައުމީ، އިޖްތިމާޢީ، ދީނީ، ސިއްޙީ، ތާރީޚާއި، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް ހިމެނިފައިވެއެވެ.

މިފަހަރުގެ ޢަދަދުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަޠީފް ގެ ޚިޠާބެއް ހިމެނާފައިވާއިރު، މިމަޖައްލާގެ އެޑިޓޯރިއަލް ބިނާކުރެވިފައި ވަނީ "ނަޞްރުގެ ދުވަސް ބައްދަލުކުރާހިނދު ...!" މިމައުޟޫގެ މައްޗަށެވެ.