ސިއްހަތު

ބަނގުރާ އެކުލެވޭ ބާވަތްތައް ފިހާރަތަކުން ނަގަން ފަށައިފި




ރާއްޖެއަށް
އެތެރެކޮށް ވިއްކާ 2 ބާވަތަކުން ބަނގުރާ އެކުލެވޭތީ، އެތަކެތި ވިއްކާ ތަންތަނުން އެތަކެތި
ނަގަން ފަށައިފިއެވެ.



ބަނގުރާ ހުރިކަމަށް
ފާހަގަކުރެވިފައިވަނީ "ކިއްކޯމަން" ބްރޭންޑްގެ ޓެރިޔަކީ ސޯސް އާއި
"ޔޫކާ" ބްރޭންޑްގެ ކެޕަންގް ސްޓިކް ރަސާ އަންގުރު މާޝްމެލޯއެވެ.



މޯލްޑިވްސް ފުޑް
އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ މަނާކޮށްފައިވާ ތަކެތި ހުރިކަން އެ
އޮތޯރިޓީއަށް މަޢުލޫމާތު ލިބިފައިވާ ތަންތަނުން އެތަކެތި ނަގާފައިވާކަމަށެވެ. އެހެންނަމަވެސް
އަތޮޅުތެރެއަށް ވިއްކަން ގެންދާ ތަކެތީގެ ތެރޭގައި މިބާވަތްތައް ހުރެދާނެކަމަށް
ލަފާކުރެވޭތީ މިކަމަށް ސަމާލުވުމަށް އާއްމު އިޢުލާނެއްކޮށްފައިވާކަމަށެވެ.



މިދެބާވަތް
އެތެރެކުރުމާއި ވިއްކުން މަނާކޮށްފައިވަނީ ކާބޯތަކެތި ވިއްކާ ތަންތަން ބަލާ
ފާސްކުރުމުގެ ތެރޭގައި މިދެބާވަތުގެ އުފެއްދުންތަކުގެ ލޭބަލުން، އެތަކެތީގައި ބަނގުރާ އެކުލެވޭކަން  ފާހަގަކުރެވިފައިވާކަމަށެވެ.އެ އުފެއްދުންތަކުގެ ލޭބަލްގައި ބަނގުރާ އެކުލެވިފައިވާކަން
ފާހަގަކުރެވިފައިވާތީކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.



މަނާކުރެވިފައިވާ
ޕްރޮޑަކްޓްތައް ވިއްކަން ބަހައްޓާފައިވާނަމަ އެއޮތޯރިޓީގެ ނަމްބަރު
3014305 އާއި ގުޅައިގެން އެކަން އަންގަވައިދެއްވުމަށް ފުޑް އެންޑް ޑްރަގް
އޮތޯރިޓީން އެދިވަޑައިގަންނަވައެވެ. މިފަދަ ކަންކަމުން
ރައްކާތެރިވުމަށްޓަކައި ކާބޯތަކެތި ބޭނުންކުރައްވާއިރު އޭގައިވާ ލޭބަލް ރަގަޅަށް
ބެއްލެވުމަށްފަހު އެތަކެތި ބޭނުންކުރެއްވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކުރައްވައެވެ.