ކުޅިވަރު

ޗެތުރީއަށް އިންޑިޔާގެ ކުޅިވަރުގެ އެންމެ މަތީ އެވޯޑު ދެނީ


އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އަށް އިންޑިއާގެ މޭޖާ ދްޔާން ޗާންދް ކޭލް ރަތުނާ އެވޯޑް ދޭން ނިންމައިފިއެވެ. މި އެވޯޑަކީ އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތު އެފެއާސް އިން ދޭ އެވޯޑެކެވެ. މިއީ އިންޑިއާގެ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑެވެ. ޗެތުރީ އަކީ މި ޝަރަފްވެރި އެވޯޑް ހޯދި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާއެވެ. ޗެތުރީއަކީ އިންޑިޔާއި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އޮލިމްޕިކްސްގައި މެޑަލް ގެނައި އިންޑިއާ އެތުލީޓުން ހިމެނޭ ގޮތަށް މި ފަހަރު ރަތުނާ އެވޯޑް 12 ކުޅިވަރު ތަރިއަކަށް ދޭން ވަނީ ނިންމާފައެވެ.

އިންޑިއާގެ މޭޖާ ދްޔާން ޗާންދް ކޭލް ރަތުނާ އެވޯޑް އެންމެ ގިނައިން ލިބިފައިވަނީ އިންޑިވިޖުއަލް ކުޅިވަރުތަކަށެވެ. މީގެ ކުރިން މިއެވޯޑް ހޯދާފައިވަނީ ސަޗިން ޓެންޑުލްކާ، މަހިންދުރަ ސިންގް ދޯނީ، ވިރާތު ކޯލީ އަދި ރޯހިތު ޝަރްމާގެ އިތުރުން ބެޑްމިންޓަން ކުޅުންތެރިން ކަމަށްވާ ސައިނާ ނޭވާލް އަދި ޕީވީ ސިންދޫގެ އިތުރުން ޓެނިސް ތަރި ސާނިއާ މިރްޒާއެވެ.

އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތުރީ ވަނީ އިންޑިޔާގެ ގައުމީ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އިންޑިޔާއަކީ ސާފް ޗެންޕިއަންޝިޕްގެވެސް އެންމެ ކާމިޔާބު ޓީމެވެ. މިފަހަރުގެ މާލޭގައި ބޭއްވި އުރީދޫ ސާފް ޗެންޕިއަންޝިޕްގައި އިންޑިޔާއިންވަނީ ނޭޕާލް ބަލިކޮށް މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިމުބާރާތުގައި އެންމެ ގިނަ ގޯލް ޖަހާފައިވަނީވެސް ޗެތުރީއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައިވަނީ ޗެތުރީއެވެ.

ޗެތުރީ ވަނީ ގައުމީ ޓީމަށް 125 މެޗުން 80 ގޯލު ޖަހައިފައެވެ.