ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫޢޫތަކަށް އެދުމުގެ ފުރުޞަތު އަންނަ އަހަރު ހުޅުވާލަނީ


ސަރުކާރުން މިހާރު ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އަހަރުގެ ތެރޭގައި ހުޅުވާލާނެކަމަށް މިނިސްޓަރ އޮން ނެޝަނަލް ޕްލޭނިން އެންޑް ހައުސިން އިންފްރާސްޓްރަކްޗަރ މުޙައްމަދު އަޞްލަމް ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިވަގުތުވެސް 6000 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކުގެ ތެރެއިން ހުޅުމާލޭގައި ފަސް ހާސް ހައުސިން ޔުނިޓުގެ ތިން މަޝްރޫޢެއް މިހާރުވެސް ކުރިއަށް ގެންދެއެވެ. އަދި އިތުރު ބައެއް ކުދި މަޝްރޫޢުތަކުގެ 1000 ހައުސިން ޔުނިޓުގެ މަސައްކަތާއެކު ޖުމްލަ 6000 ހައުސިން ޔުނިޓުގެ މަސައްކަތް މިވަގުތު ކުރިއަށްދާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ބަޖެޓް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ މުޙައްމދު އަޞްލަމް ވިދާޅުވީ މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަސައްކަތްތުގައި ރައްޔިތުންނަށް ހަވާލު ކުރާނީ އެ މަސައްކަތުގެ ހުރިހާ މަސައްކަތްތަކެއް ނިންމުމަށްފަހުގައިކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އިތުރަށް ހައުސިންގެ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި ފަންޑު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންކަމަށެވެ.

މިހާރު ކުރިއަށްގެންދާ ހައުސިންގެ މަޝްރޫޢުތައް 4 ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ މި ހައުސިން ޔުނިޓްތައް ހުންނާނީ އެކި އަގުތަކުގައި ކަމަށެވެ. މިގޮތުން ކައުންސިލް ހައުސިންނާއި އެފޯޑަބަލް ހައުސިން ޔުނިޓްތައް ރައްޔިތުންނަށް ފަސޭހައިން ކުލި ދެއްކޭނެގޮތަކަށް ހަމަޖައްސާފައިވާއިރު މިޑިލް އިންކަމް ހައުސިންގ ޔުނިޓްތައް 1.5 އާއި2.2 މިލިޔަން ރުފިޔާގެ އަގެއްގައި ގަންނަން ލިބޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ހައި އިންކަމް ހައުސިންގ ޔުނިޓްތައް ބޭނުން އަގެއްގައި ވިއްކުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އަހަރުގެ ތެރޭގައި ހުޅުވާލާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިސަރުކަރުން ކުރިއަށްގެންދާ ހައުސިން ޔުނިޓްތައް 650 އަކަފޫޓަށްވުރެ ކުޑައެއް ނުވާނެ. މިއަށްވުރެ ކުޑަނަމަ އާއިލާއެއް ދިރިއުޅުމަށް އެކަށީގެނެއް ނުވޭ. 3 ކޮޓަރީގެ ތަންތަން 900 އަކަފޫޓު ހުންނާނެ. އަދި 2 ކޮޓަރި 650 އާއި 700 ދެމެދު އަކަފޫޓު ހުންނާނެ." މިނިސްޓަރ އޮން ނެޝަނަލް ޕްލޭނިން އެންޑް ހައުސިން އިންފްރާސްޓްރަކްޗަރ މުޙައްމަދު އަޞްލަމް ވިދާޅުވިއެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ސަރުކާރުން ވަނީ 1.5 ބިލިޔަން ރުފިޔާގެ ހައުސިން މަޝްރޫޢޫތަކެއް ކުރިއަށްގެންދިޔުމަށް ނިންމާފައެވެ. އަދި އަންނަ އަހަރަށް ދަޢުލަތުން ހުށައެޅީ ބަޖެޓުގައި ވަނީ ނޭޝަނަލް ސޯޝަލް ހައުސިން މަޝްރޫޢުއަށް 449 މިލިޔަން ރުފިޔާ ޚަރަދު ކުރުމަށް ކަނޑައަޅާފައެވެ. މީގެ އިތުރުން އެފޯޑަބަލް ހައުސިން މަޝްރޫޢޫއަށް 57 މިލިޔަން ރުފިޔާ ކަނޑައަޅާ 94 މިލިޔަން ރުފިޔާ އެކި އަތޮޅުތަކުގައި ހައުސިން މަޝްރޫޢުތައް ގެންދިޔުމަށް ބަޖެޓުގައި ވަނީ ކަނޑައަޅަފައެވެ.