ޚަބަރު

"ޒަމާނީ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަކީ ހުރިހާ ފުލުހުންގެ ޒިންމާއެއް"


ޒަމާނީ ގޮންޖެހުންތަކާ ފައިހަމަކުރެވޭވަރުގެ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަކީ ހުރިހާ ފުލުހުންގެ ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ރޭންކާއި ގްރޭޑްގެ ކުރިއެރުން ދިނުމަށް އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ޒަމާނީ ގޮންޖެހުންތަކާ ފައިހަމަކުރެވޭވަރުގެ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އިސްކަމެއްދެއްވާކަމަށެވެ. އަދި އެމަނިކުފާނުވެސް ލިބިފައިވާ ފުރުޞަތާއި، ލިބިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން އެކަމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް ލިބިދޭންޖެހޭ ކަރާމަތާއި، ޝަރަފް ހޯދައިދިނުމަށްޓަކައިވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިދަތިކަން އޮތް ދުވަސްވަރު 2022 ވަނަ އަހަރަށް ފުލުހުންގެ މުއައްސަސާއަށް ކަނޑައަޅުއްވާފައިވާ ބަޖެޓަކީ އޭގެ ހެއްކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ އިޤްތިޞާދު މިއޮތީ އަޅުގަނޑުމެން އެންމެ އެދޭ ހިތްހަމަޖެހޭގޮތަކަށްނޫން. މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަނީ ނޭދެވޭ އަސަރުކޮށްފަ. މިހާލަތުގައިވެސް ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަން ރައްޔިތުންގެ އުފާވެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއަށް ދެވިފައިވާ ބަޖެޓަކީ މިކަމުގެ ހެއްކެއްކަން އަޅުގަނޑު ޤަބޫލުކުރަން" މިނިސްޓަރ ވިދާޅުވިއެވެ.

ބަޖެޓް ކޯޑްކޮށް ތަރުތީބުކުރެވިފައިވާ ގޮތުން ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމުގެ ތެރެއިން ޚާއްޞަކޮށް ތަމްރީނާއި، ހުނަރަށް ހޭދަކުރެވޭ މިންވަރުވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މުޖުތަމައު އަމާން ސުލުހަވެރި ވެއްޓަކަށް ދިއުމަށްޓަކައި ހުރި ބޮޑެތި ގޮންޖެހުންތަކަށް ކުށްކުރާ މީހުންނާއި، ކުށްވެރިންގެ ވިސްނުމާއި ފިކުރަށް އަދި ކުށްވެރިން ކަންކަން ބައްޓަންކުރާ ގޮތާއި، ކުށްކުރުމުގެ މުޅި މާހައުލަށް އަންނަ ބަދަލުތަކާ އެއްވަރަށް ފުލުހުން ފައިހަމަކޮށްގެން މެނުވީ ރާއްޖެއަށް ސުލުހަވެރި އަމާން ވެއްޓެއް ނުގެނެވޭނެކަމަށެވެ.

ފުލުހުންނާ މުޚާތަބުކުރައްވާ މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ މިމުޖުތަމައުގައި އަމާންކަމާއި، ރައްކާތެރިކަމާއި، ސަލާމަތްކަން އޮންނަން ބޭނުންވި މިންވަރަކަށް އަޅުގަނޑުމެންގެ އަމިއްލަ ނަފުސުން އެކަން އަދާކޮށް މުޅި މުޖުތަމައަށް ދައްކައިދޭން ޖެހޭކަމަށެވެ. ފުލުހުންގެ މުއައްސަސާއަށް މަތިކޮށްފައި އޮތީ ވަރަށް ބޮޑު މަސްއޫލިއްޔަތެއްކަމަށާއި، މުޖުތަމައު ޝަރަފްވެރި މުޖުތަމައަކަށް ވެގެންދަނީވެސް ފުލުހުންގެ މުއައްސަސާ ޝަރަފްވެރި މުޖުތަމައަކަށްވީ މިންވަރަކުން ކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. މުއައްސަސާ ބިކަވެ ނިކަމެތިވި މިންވަރަކުން މުޅި ދައުލަތް، މުޅި ރައްޔިތުން، ބިކަވެ ނިކަމެތިވެގެންދާނެކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ.

"ފުލުހުންނަކީ އަމިއްލަ ނަފްސަށާއި، އެމީހެއްގެ އާއިލާގެ މައްޗަށް، އަދި މުޅި މުޖުތަމައުގެ މައްޗަށް އަބަދުވެސް އަދުލުވެރި އިންސާފްވެރި، ހަމަހަމަކަން ފޯރުކޮށްދޭ ބައެއް. އަޅުގަނޑުމެންގެ ތެރޭން އެކަން ނެތިގެން ހިނގައްޖެ ކޮންމެ ހިނދެއްގައި އޭގެ ހިތި ނަތީޖާއާއި، އަސަރު މުޅިޤައުމަށް ކުރާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ފުލުހުންގެ ޤާނޫނީ ވާޖިބާއި ޒިންމާއަށްވުރެ ބޮޑަށް އިޖުތިމާއީ، އަމިއްލަ ފަރުދީ ޒިންމާ ބޮޑުކަމަށެވެ. ފުލުހަކަށްވީތީ އަމިއްލަ އިޖުތިމާއީ ފަރުދީ، ޒިންމާ އަދާކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އެގޮތުން މުޖުތަމައުގައި ހުރި ނުރައްކަލެއް އަދި ގޮންޖެހުމެއް ކުރިމަތިވާ ކޮންމެކަމަކުން މުޖުތަމައުގެ ހަމަޖެހުމާއި، ހިމޭންކަން ގެއްލިގެން ހިނގައިދާނެ އަދި މުޖުތަމައުގެ ފަރުދަކަށް ދެރަކަމެއް، ހިތާމައެއް ލިބިދާނެ ކޮންމެ ކަމަކުން ސަލާމަތްކޮށްދިނުމުގައި އަދާކުރަންޖެހޭ ފަރުދީ ޒިންމާތައް އޮތްކަން ވަރަށް ބޮޑަށް ޤަބޫލުކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުޖުތަމައުގައި އޮންނަ އިޖުތިމާއީ ޒިންމާ އަދާނުކުރެވުނީމާ މުޖުތަމައުން ބަލައިގަންނަ މިންވަރު ތަފާތުވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ރައްޔިތުން އެފަދަ ކަންކަން ބަލާނެކަމަށެވެ.