ސިއްހަތު

ޕޭރަންޓްރަލް ނިއުޓްރިޝަންގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފި


ހާލުބޮޑުވެގެންނާއި އޮޕަރޭޝަންގެ ސަބަބުން ނުކެވޭ ބަލި މީހުންނަށް އައިވީގެ ޒަރީއާއިން ހަށިގަނޑަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތަކާއެކު ޚިދުމަތް އައިޖީއެމްއެޗްގައި ދާއިމީކޮށް ފަށައިފިއެވެ.އައިޖީއެމްއެޗްގެ މެޑިސިން ޑިޕާޓްމަންޓްގެ އެކްޓިންގ ހެޑް ޑޮކްޓަރ މޫސާ މުރާދު ވިދާޅުވީ "ޓޯޓަލް ޕޭރަންޓްރަލް ނިއުޓްރިޝަން"ގެ ޚިދުމަތް އެހޮސްޕިޓަލްގައި މިހާރުވެސް ވަރަށް މަދު ޙާލަތްތަކެއްގައި ދެމުންއަންނަކަމަށާއި، އެހެންނަމަވެސް އެސްޓީއޯގެ އެހީއާއިއެކު އެ ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ހަމަޖެހިފައިވުމާއިއެކު އެޚިދުމަތް ދާއިމީގޮތެއްގައި ދޭންފަށާފައިވާކަމަށެވެ. އައިޖީއެމްއެޗްގައި ހާލުބޮޑު ބަލި މީހުންނަށް އައިވީ ބޭނުންކޮށްގެންދޭ ނިއުޓްރިޝަން ނުވަތަ ހަށިގަނޑަށް ބޭނުންވާ ޚާއްސަ މާއްދާތައް ހޮޅިގުޅައިގެންވެސް އަންނަނީ ދެމުންނެވެ.ޑރ.މުރާދު ވިދާޅުވީ ބަލި މީހުންނަށް ހޮޅިލައްވައިގެން ހަށިގަނޑަށް ބޭނުންވާ ކާނާ ފޯރުކޮށްދިނުމުގައި މިހާރު ދިމާވެފައިވާ ދަތިތަކަށްވެސް މިއާއެކު ޙައްލެއް ލިބިގެންދާނެކަމަށެވެ. މިޚިދުމަތް ފެށުމަށް ބޭނުންވާ ތަމްރީނު ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ފޯރުކޮށްދީފައިވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.ކުރިއަށްއޮތްތަނުގައި ރާއްޖޭގެ 6 ރީޖަނަލް ހޮސްޕިޓަލުގައިވެސް މިޚިދުމަތް ފޯރުކޮށްދިނުމަށް ފަށާނެކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އަދި މިޚިދުމަތަކީ އާސަންދައިން ފޯރުކޮށްދެވޭ ޚިދުމަތަށް ހެދުމަށްޓަކައި އެފަރާތާއި ވާހަކަދައްކަމުންދާކަމަށްވެސް އެސްޓީއޯ އިން ވިދާޅުވެއެވެ.