ޚަބަރު

ޖިންސީ ގޯނާގެ 40 މައްސަލައެއްގައި 30 މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައި: މިނިސްޓަރ


އެޑިއުކޭޝަން ދާއިރާއިން ޖިންސީ ގޯނާގެ 40 ވަރަކަށް މައްސަލަ މިހާތަނަށް ހުށަހެޅި ބެލިފައިވާ ކަމަށާއި، އޭގެ ތެރެއިން 30 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ގަލޮޅު މަދަރުސާގައި ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތައް ސާފު ކުރުމަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ކުރެއްވި ސުވާލުގައި މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކަކީ މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައ ބަލަމުންދާ މައްސަލަތަކެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކުގައި އެޑިއުކޭޝަން ދާއިރާގެ އެއްވެސް މުވައްޒަފަކަށް ތުހުމަތު ކުރެވި، އެކަން ސާބިތުވާ ހިސާބުން އެމީހަކު ވަޒީފާއިން ވަކިކުރާނެކަމަށެވެ. އެގޮތުން މިހާތަނަށް މިނިސްޓްރީއަށް ހުށަހެޅި މިބާވަތުގެ 40 މައްސަލައެއްގައި 30 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރުވެސް 7 ވަރަކަށް މައްސަލަ ކުރިއަށްދާއިރު މިމައްސަލަތަކުގައި ތުހުމަތު ކުރެވޭ ހުރިހާ މުވައްޒަފުން ތިބީ ސަސްޕެންޑް ކުރެވިފައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ މައްސަލަތަކަކީ މިހާރު ފެންމަތިވެގެން އުޅޭ މައްސަލަތަކެއް ނޫން ކަމަށާއި، މީގެ ކުރިންވެސް މިފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެ އަޅާ ނުލާ ދޫކޮށްލެވިފައި ހުރިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ޖިންސީ ގޯނާގެ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދެކި އެކަން މިނިސްޓްރީން ގެންދަނީ ބަލަމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގަލޮޅު މަދަރުސާގައި ހިނގި ހާދިސާއަކީވެސް މިނިސްޓްރީއަށް ރިޕޯޓް ކުރި ވަގުތުން ފެށިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދިޔަ މައްސަލައެއްކަމަށާއި، އެވަގުތުން ފެށިގެން ތުހުމަތުކުރެވޭ އެންމެން ސަސްޕެންޑްކޮށް، މިހާރު މިކަމުގައި ޝާމިލުވާ މީހާވެސް މިހާރު ހައްޔަރު ކުރެވިފައިވާކަމަށެވެ. ސްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި، ސްކޫލުތަކުގައި އޮފިސަރުން ތިބޭނެކަމަށެވެ. އަދި ކޮންމެ ސްކޫލެއްގައިވެސް ސީސީޓީވީ ކެމެރާ ހަރުކޮށް މިފަދަ އަމަލުތަކަށް ޖާގަ ނުދެވޭނެ ގޮތަކަށް އިންތިޒާމުތައް ހަރުދަނާ ކުރަމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ތައުލީމު އުނގަންނާ ތަންތަނަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުމަށް މިނިސްޓްރީން ކެނޑިނޭޅި މަސައްކަތް ކުރާނެކަމަށެވެ. އެޔަގީންކަން އެންމެހާ ބެލެނެވެރިންނަށްވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.