ޚަބަރު

ޕްރީ ސްކޫލްގައި، ޖިންސީ ގޯނާގެ ތުހުމަތުވާ މީހާ ހައްޔަރުކޮށްފި


ގަލޮޅު ސްކޫލްގައި ކިޔަވަމުންދިޔަ ހަތަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 63 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި މީމީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާއިރު އެ ސްކޫލްގެ ހުރިހާ އަންހެން މަސައްކަތު މުވައްޒަފުން ތިބީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ސަސްޕެންޑްކޮށްފައެވެ.

މި މައްސަލަ ފެންމަތިވުމުން އެ ސްކޫލުން ބުނީ އެ ކުއްޖާ ފާހާނާއަށް ގެންދަން ހަވާލުކުރީ މަސައްކަތު މީހަކާއި ކަމަށް އެ ކުއްޖާގެ އާންޓީ ބުނާކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މުވައްޒަފެއްކަން ހަނދާން ނެތްކަމަށް އާންޓީ ބުނާކަމަށްވެސް އެ ސްކޫލުން ވަނީ ބުނެފައެވެ.

މި މައްސަލަ ފެންމަތިވުމުން ގަލޮޅު ސްކޫލުން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން އެ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓީޗަރުންގެ ބެލުމުގެ ދަށުން ދަރިވަރުން ފާހާނާއަށް ފޮނުވަންޖެހޭ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ. އަދި ސްކޫލްގެ އެކި ސަރަހައްދުގައި 18 ސީސީޓީވީ ކެމެރާ ހަރުކޮށް މޮނީޓަރ ކުރަން ފަށާފައިވާކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީންވެސް އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ބަލަމުންނެވެ.