ޚަބަރު

ލީކުވި އޯޑިއޯތައް، ޤާޟީ ފާއިޒުގެ އަޑު ދިމާވާތީ ތަހުޤީގު ކުރަނީ


ދާދި ފަހުން ލީކުވި ފަނޑިޔާރުންގެ އޯޑިއޯތަކުން ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑު ދިމާވާތީ އެމައްސަލަ ތަހުޤީގުކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ލީކްވި ކްރިމިނަލްކޯޓްގެ ފަނޑިޔާރުންގެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސް ހެދުމަށް ފުލުހުންގެ އިދާރާއަށް އެ ކޮމިޝަނުން ހުށަހެޅުމުން، އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްގެ ނަތީޖާ މިއަދު ލިބިފައިވާކަމަށެވެ.

އޯޑިއޯ އެނާލިސިސްގެ ނަތީޖާއިން ދައްކާގޮތުން ލީކްވިކަމަށް ބުނާ ތިން ފަނޑިޔާރުންގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ އާދަމް އާއި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ކަށަވަރުވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ. އެހެންކަމުން އެ ދެ ޤާޟީންގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކެއްކަން ޔަގީންވާތީ އެ މައްސަލަ ކުރިޔަށް ނުގެންދަން ނިންމާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

" ޤާޟީ އަލްއުސްތާޛު ޢަލީ އާދަމް އާއި ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ނެތްކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ." ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ކޮމިޝަންގެ ބަޔާނުގައިވަނީ ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީވެސް ޓެމްޕަރކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސުން އެގޭކަމަށެވެ.

އެގޮތުން ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯއަކީ ވެސް ވަކި ނައިބައި ޑީލްޓްކޮށް ގުޅުވައިގެން ހަދާފައިވާ އޯޑިއޯއެއްކަމަށް އެގޭކަމަށެވެ. އެހެންނަމަވެސް އެ އޯޑިއޯގައިވާ އަޑާއި މެދު ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު އިންކާރުކުރެއްވި ނަމަވެސް އެއީ ފާއިޒުގެ އަޑުކަން އޯޑިއޯ އެނާލިސިސުން ކަނޑައަޅާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ. އެހެންކަމުން އެ މައްސަލަ ކޮމިޝަނުން ތަޙްޤީޤުކުރުމަށް ނިންމާ ތަޙްޤީޤު ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

ޖޭއެސްސީގެ ބަޔާނުގައިވަނީ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވާ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކަށް ބާލައިރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީޢަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާކަމަށް، ނުވަތަ ބައްދަލު ކުރަން އެދިފައިވާކަމަށް ނުވަތަ އެ ޝަރީޢަތަށް ނުފޫޒު ހިންގުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ބުނެފައި ނުވާކަމަށް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް އެ އޯޑިއޯގައި ޝަރީއަތާއި ގުޅޭ ވާހަކަތަކެއް ކޯޓުން ބޭރުގައި ދައްކާފައިވާތީ އެހެން ފަނޑިޔާރުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު އޮތްކަންވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

" އެ އޯޑިއޯގައި ކޯޓުގެ ޝަރީޢަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާކަމާއި، އެގޮތަށް ފަނޑިޔާރު ޢަމަލު ބެހެއްޓެވުމުގެ ސަބަބުން، ބަޔަކަށް އޭގެ ނާޖާއީޒް ފައިދާނެގުމުގެ ފުރުޞަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލުހިންގުމަށް މަގު ފަހިވެގެން ދިޔަކަން މިކޮމިޝަނުން ފާހަގަކުރަމެވެ." ޖޭއެސްސީން މިރޭ ނެރުނު ބަޔާނުގައިވެއެވެ.

ކޮމިޝަންގެ ބަޔާން ނިންމާލާފައިވަނީ ޞައްޙަ ނޫން އޯޑިއޯތަކެއް ހަދާ ފަނޑިޔާރުންގެ މައްޗަށް ދޮގު ތުހުމަތުކޮށްފައިވާތީ އެކަން ކުޢްވެރިކުރަމުންނެވެ. އަދި ފަނޑިޔާރުންނާއި ގުޅޭ ގޮތުން ލިބޭ މައުލޫމާތު ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ މީޑިއާތަކުން ނުގެނެސްދިނުމަށް އިލްތިމާސްކުރަމުންނެވެ.