ކުޅިވަރު

ލީގު ޗެންޕިއަން މާޒިޔާއިން ފަރިތަކުރުންތައް ފަށައިފި


އެންމެ ފަހުގެ ލީގު ޗެންޕިއަން މާޒިޔާއިން މިއަހަރުގެ ސީޒަނަށް ފަރިތަކުރުންތައް ފަށައިފިއެވެ. މާޒިޔާއިންވަނީ ފާއިތުވެގެންދިޔަ އަހަރުތަކުގައި އެޓީމު ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެގޮތުން މިއަހަރު މާޒިޔާއިންވަނީ އެޓީމުގެ ކޯޗަކަށް މުޙައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސާފައެވެ. މާޒިޔާއަކީ މިއަހަރުގެ ސީޒަނަށް އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށި ޓީމެވެ. މާޒިޔާއިން އެޓީމުގެ ފަރިތަކުރުންތައް ފެށިއިރު އެޓީމުގައި ހިމެނޭ ގައުމީ ޓީމުގެ ކުޅުންތެރިން ބައިވެރިވެފައެއް ނުވެއެވެ. ގައުމީ ޓީމުގެ ކުޅުންތެރިން މިހާރު ތައްޔާރުވަމުންދަނީ އަވަށްޓެރި ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހިންދާ ރާޖަޕަކްސާ ފޯ ނޭޝަންސް ކަޕްގައެވެ. މިއާއެކު މާޒިޔާގައި ހިމެނޭ ގައުމީ ޓީމުގެ ކުޅުންތެރިން އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނީ މިމުބާރާތައް ފަހުއެވެ.

މާޒިޔާއިން އެޓީމުގެ ފަރިތަކުރުންތަށް ފެށިއިރު، އެޓީމުގެ ފަރިތަކުރުންތަކުގައި ޒުވާން ޓީމުގެވެސް ބައެއް ކުޅުންތެރިންވަނީ ބައިވެރިވެފައެވެ. ލީގް ޗެންޕިއަން މާޒިޔާއިން އެޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، އެންމެ ފަހުން ސީޒަންގައި ވާދަކޮށްފައިވާ ޓީމަށް މާޒިޔާއިން އަދި އެއްވެސް ބަދަލެއް ނުގެނެއެވެ. މިހާތަނަށް އެޓީމަށް އެއްވެސް ކުޅުންތެރިއަކު ގެނެސްފައެއް ނުވެއެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒންގެ ކަލަންޑަރު އެފްއޭއެމުން މިހާރު ނެރިފައިވާއިރު، މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގައި ޕްރެޒިޑެންޓްސް ކަޕުންނެވެ.