ރާއްޖޭގެ އިރުއުތުރުން ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ވިދާޅުވީ ލަންކާ ކައިރީގައި އޮތް ކޮޅިގަނޑުގެ ސަބަބުން ކުރިއަތް އޮތް 3 ދުވަހު ރާއްޖެ ސަރަހައްދުގައި ވަޔާ ކަނޑުތައް ގަދަވާނެކަމަށެވެ. އަދި ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ނޫނީ ދަތުރުނުކުރުމަށްވެސް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.
މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދުގެ ހެނދުނުން ފެށިގެން މެންދުރުފަހު 2 ޖެހުމާއި ހަމައަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެ އޮފީހުން ވިދާޅުވީ އެ ގަޑީގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށެވެ.