ޚަބަރު

ޠާލިބާނުންގެ ވެރިކަން ޤަބޫލުނުކުރުމުގެ ނަތީޖާ ހިތިވާނެކަމަށް އެ ޖަމާޢަތުން ބުނެފި


އަފްޣާނިސްތާނުގައި ޤާއިމުކޮށްފައިވާ ޠާލިބާނުންގެ ވެރިކަން ޤަބޫލުނުކުރުމުގެ ނަތީޖާ ހިތިވާނެކަމަށް އެ ޖަމާޢަތުން ބުނެފިއެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމަށްފަހު އެ ޖަމާޢަތުގެ ވެރިކަމެއް އެ ޤައުމުގައި ޤާއިމުކުރި ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ވެރިކަން ބަލައިގެންފައެއް ނުވެއެވެ. އެ ގޮތުން ބައެއް ޤައުމުތަކުގެ ވަފުދުތައް ޠާލިބާނުންނާ ބައްދަލުކޮށް މަޝްވަރާކުރި ނަމަވެސް އެ ޖަމާޢަތުގެ ވެރިކަން ޤަބޫލުކުރުމަށްވަނީ ފަސްޖެހިފައެވެ. އަދި ބޭރުގެ ޤައުމުތަކުގައި ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ ފައިސާއާއި މުދާ ދޫކުރުމަށްވެސްވަނީ ފަސްޖެހިފައެވެ. އޭގެ ސަބަބުން އަފްޣާނިސްތާނަށްވަނީ ބޮޑު އިންސާނީ ކާރިޘާއަކާ ކުރިމަތިލާންޖެހި އެ ޤައުމުގެ އިޤްތިޞާދުވަނީ އަނދަވަޅަކަށް ވެއްޓިފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޠާލިބާނުންގެ ތަރުޖަމާނުކަމަށްވާ ޒަބީޙުﷲ މުޖާޙިދު ވިދާޅުވީ އެ ޖަމާޢަތުން ޤާއިމުކޮށްފައިވާ ވެރިކަން ޤަބޫލުކުރުމަށް އެމެރިކާއިން ފަސްޖެހޭނަމަ އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެ އެ ކަމުގެ އަސަރު ސަރަޙައްދަށާއި ދުނިޔެއަށް ކުރާނެކަމަށެވެ. އަދި 20 އަހަރުވަންދެން އެމެރިކާއާއި ޠާލިބާނުން ހަނގުރާމަ ކުރީވެސް ދެ ފަރާތުގެ މެދުގައި އެއްވެސް ޚާރިޖީ ގުޅުމެއް ނެތުމުންކަމަށް މުޖާޙިދުވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ފަރާތުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް މަޝްވަރާކުރުން މުޙިއްމުކަމަށެވެ.

އެމެރިކާއިން އަފްޣާނިސްތާނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމު އިސްތިޢުމާރުކުރީ 2001ވަނަ އަހަރުގެ ތެރޭގައި އަލް ޤައިދާއިން އެމެރިކާއަށް ދިން ޢުދުވާނީ ޙަމަލާއާ ގުޅިގެން އެ ޖަމާޢަތުގެ އިސްވެރިޔާ އުސާމާ ބިން ލާދިން އެމެރިކާއާ ޙަވާލުނުކުރުމުންނެވެ.