ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން އެޗް.ޑީ.ސީއާ ހަވާލުކޮށްފި


ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީ ކުރުމަށް ހިއްކާފައިވާ ބިން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީއާ ޙަވާލުކުރައްވައިފިއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީ ކުރުމަށް ހިއްކާފައިވާ ބިން އެޗްޑީސީއާ ހަވާލޮކޮށްފައިވަނީ ހައުސިން މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ، ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށެވެ. އަދި  ދެވަނަ ފިޔަވަހީގެ ހައުސިން މަޝްރޫޢުތަކުގެ ތެރެއިން މިހާރު ސޮއިކޮށްފައިވާ 1500 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާ 2018 ވަނަ އަހަރުގެ ތެރޭގައި އެ ހައުސިން ޔުނިޓްތަކުގައި މީހުންނަށް އުޅެވޭވަރުވާނެ ކަމަށެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހައުސިންގ ޑިވެލޮޕމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ، ޔޮޓް މެރީނާ އަދި ކުރޫޒް ޓާރމިނަލް ހެދުމުގެ މަސައްކަތްތައްވެސް 2 މަހެއްގެ ތެރޭގައި ފެށޭވަރުވާނެކަމަށް ސައިމަން ވިދާޅުވިއެވެ.ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން  އެތަނުގެ މަގު ހެދުމާ، ހިއްކާފައިވާ ފަސްގަނޑު ހިމާޔަތް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ދެވަނަ ފިޔަވަހީގެ ހައުސިން މަޝްރޫއުތައް ފެށުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ފިޔަވައްސާ ކައިރިންނެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ޔޫތް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ ތަނެކެވެ. ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް 245 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ.