ޚަބަރު

ކޮޕް ސަމިޓަށް ވަޑައިގަތުމުގެ ކުރިން ޝާހިދު ގަހެއް އިންދަވައިފި


ކޮޕް26 ސަމިޓަށް އިނގިރޭސިވިލާތުގެ ގްލާސްގޯއަށް ފުރާވަޑައިގަތުމުގެ ކުރިން އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އދ.ގެ މައި މަރުކަޒުގައި ގަހެއް އިންދަވައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ޔޫ.އެން ޑޭ ފާހަގަކުރުމަށް ބޭއްވި ޙަރަކާތްތަކުގައި އދ.ގެ މައި މަރުކަޒު ހުންނަ ނިއުޔޯކްގެ ކަނިންހަމް ޕާކްގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމްގައިވެސް މިނިސްޓަރ ޝާހިދު ގަހެއް އިންދާފައިވާކަމަށެވެ.

އދ.ގެ އާޢްމު މަަޖިލީހުގެ ރައީސް ވަނީ މޫސުމީ ބަދަލުތަކާ ގުޅޭ މަޝްވަރާތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ. ސްވިޓްޒަލެންޑްގެ އީ.ޓީ.އެޗް ޒިއުރިކް ޔުނިވަރސިޓީއިން ހެދި ދިރާސާއެއްގައި ދައްކާ ގޮތުން، ބައި ޓްރިލިއަން ގަސް އިންދައިގެން 205 ގިގަޓަނުގެ ކާބަން ކެޕްޗަރ ކުރެވޭނެކަން ހޯދިފައިވާކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. މިއީ 1960ވަނަ އަހަރުން ފެށިގެން އިންސާނުންގެ ސަބަބުން ޖައްވަށް ދޫވި ކާބަންގެ ދެބައިކުޅަ އެއްބައެވެ.

ނިމިދިޔަ ހަފްތާގައި މިނިސްޓަރ ޝާހިދު ވަނީ އެމަނިކުފާނު ފުރަތަމަ މޫސުމީ ބަދަލުތަކާބެހޭ ބަހުސް އދ.ގެ ޢާއްމު މަޖިލީހުގައި ބާއްވަވާފައެވެ. މިނިސްޓަރ ޝާހިދުގެ އިސްނެންގެވުމަކަށް ބޭއްވި މި ބަހުސްގައި 17 ޤައުމެއްގެ ވެރިން (ރައީސް/ބޮޑުވަޒީރު)އާއި، 2 ޤައުމެއްގެ ނައިބު ރައީސުން އަދި 27 ޤައުމެއްގެ ޚާރިޖީ ވަޒީރުންގެ އިތުރުން 14 ޤައުމެއްގެ ސަފީރުން ވާހަކަފުޅު ދެއްކެވި. އަދި ހަމައެއާއެކު 6 ޤައުމަކުން ވަނީ ސަރަހައްދީ ޤައުމުތަކުގެ ފަރާތުންވެސް ވާހަކަ ދައްކާފައެވެ.