ކުޅިވަރު

ބްރައިޓަންއިން ފަހަތުން އަރައި ލިވަޕޫލާއި އެއްވަރުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ބްރައިޓަން ހޮވް އެލްބިއަން އިން ފަހަތުން އަރާ ލިވަޕޫލާއި އެއްވަރުކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވަރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. އަދި މިމެޗް ލިވަޕުލުން ފެށީވެސް ވަރަށް ފޯރިއާއެކުގައެވެ. މިގޮތުން މެޗްގެ 4 ވަނަ މިނެޓްގައި ކެޕްޓަން ޖޯޑަން ހެންޑަރސަންވަނީ މިމެޗްގައި ލިޑު ނަގައިދީފައެވެ. އަދި މެޗްގެ 24 ވަނަ މިނެޓްގައި ސާޑިއޯ މާނޭ ޖަހައިދިން ލަނޑުން ލިވަޕޫލުން އެޓީމުގެ ލިޑު ފުޅާކުރިއެވެ. މިމެޗްގައި ބްރައިޓަންއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗްގެ 41 ވަނަ މިނެޓްގައި އިނޮކް އެމްވޭޕޫއެވެ. މިއީ އޭނާ ޕްރިމިއަރ ލީގުގައި ޖެހި ފުރަތަމަ ލަނޑުންނެވެ. މިމެޗްގައި ބްރައިޓަންއިން އެއްވަރު ކުރި ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ޖަހައިދިނީ ލިއާންޑްރޯ ޓްރޮސާޑެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މިމެޗް އެއްވަރު ވުމުން ލިވަޕޫލާއި ތާވަލްގެ އެއްވަނައިގައި އުޅޭ ޗެލްސީ އާއި ދެމެދުގައިވާ ފަރަގު މިހާރުވަނީ ތިން ޕޮއިންޓަށް އިތުރު ވެގެން ގޮސްފައެވެ. ނަމަވެސް މިމެޗް އެއްވަރު ވުމުގެ ފައިދާ ތިންވަނައިގައި އޮތް އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ނެގޭގޮތެއް ނުވިއެވެ. މިގޮތުން ސޓީވަނީ ރޭ ކްރިސްޓަލް ޕެލަސް އަތުން އަމިއްލަ ދަނޑުގައި ބަލިވެފައެވެ.

މިމެޗް އެއްވަރު ވުމުން ބްރައިޓަން މިހާރު އުޅެނީ 10 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ.