ސިއްހަތު

ބޭސް ވިއްކޭނެ އެންމެމަތީ އަގު ކަނޑައަޅައި ތަންފީޒުކުރަން ފަށަނީ


ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެމަތީ އަގު ނުވަތަ މެކްސިމަމް ރީޓޭއިލް ޕްރައިސް (އެމް.އާރް.ޕީ) ކަނޑައަޅައި އަންނަ ޖެނުއަރީ މަހުން ފެށިގެން ތަންފީޒުކުރަން ނިންމައިފިއެވެ.

އެމްއާރްޕީ ކަނޑައެޅުމުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ފަރުދުންގެ ޖީބުން ބޭހަށް ކުރާޚަރަދު ކުޑަކޮށް އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމު (އާސަންދަ)ގެ ތެރެއިން ބޭހަށް ކުރާ ހޭދަ އިތުރުވަމުންދާ މިންވަރު ދެމެހެއްޓިނި މިންގަނޑެއްގައި ހިފެހެއްޓުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ފިސްކަލް ޕޮލިސީގެ ނަޒަރުން ބަލާއިރު އެމްއާރްޕީ ކަނޑައެޅުން މުހިއްމުވާ މައިގަނޑު ސަބަބަކީ އާސަންދަ ނިޒާމުގެ ތެރެއިން ދައުލަތުން އެއް ކަމަކަށް އެންމެބޮޑު ޚަރަދެއްކުރަމުން އަންނަނީ ބޭހަށް ކަމަށްވާތީއެވެ. އެގޮތުން ރާއްޖޭގައި ބޭހުގެ އަގު ކޮންޓްރޯލެއްނެތި ބޮޑުވަމުން ދިއުމުގެ ސަބަބުން އާސަންދައަށާއި ބޭސްފަރުވާގެ އެހެނިހެން ޚިދުމަތް ދިނުމަށް ދައުލަތުގެ ހޮސްޕިޓަލްތަކުން ކުރާ ޚަރަދު އިތުރުވެ، ދައުލަތުން އެހެން ޚިދުމަތްތަކަށް ބަޖެޓުން ދެވޭ ޖާގަ ހަނިވެގެންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް އިތުރުކުރުމަށް ހުރަސްތައް ކުރިމަތިވަމުންދާކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

އާސަންދައިގެ ތެރެއިން ބޭހަށް ކުރި ޖުމްލަ ޚަރަދަށް ބަލާއިރު 2014ވަނަ އަހަރު 251.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، 2020ވަނަ އަހަރު މި ޢަދަދު ހުރީ 752.7 މިލިޔަން ރުފިޔާގައެވެ. މުޅި އާސަންދައިގެ ޚަރަދުގެ ނިސްބަތުން ބަލާއިރު 2019ވަނަ އަހަރު ބޭހަށް ކުރި ޚަރަދު %58.4 ގައި ހުރިއިރު، 2020ވަނަ އަހަރު މި ނިސްބަތްހުރީ %62.4 ގައެވެ. 2014ވަނަ އަހަރާ 2020ވަނަ އަހަރާދެމެދު އަހަރަކު އެވަރެޖްކޮށް %23.7 ބޭހުގެ ޚަރަދު އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ޚަރަދު ދަށްވެފައިވަނީ 2020ވަނަ އަހަރު އެކަންޏެވެ. މިއީ ކޯވިޑާއި ގުޅިގެން އެހެނިހެން ބަލިތަކަށް ބޭސްކުރުމުގައި އަދި ބަދަލުތަކާއި އެއަހަރު ދިރިއުޅުމުގެ އާދަތަކަށް ގެންނަން މަޖުބޫރުވި ބަދަލުތަކާގުޅިގެން އައި ދަށްވުމެއްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ބޭހަށް ކުރާ ޚަރަދު އިތުރުވަމުން ދިއުމުގެ ސަބަބުތަކުގެތެރޭގައި ބޭސް އިސްރާފުވަމުންދާ މިންވަރު އިތުރުވަމުންދިއުން ހިމެނޭކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

އާސަންދައިގެ ދަށުން ހިލޭ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުން، ބޭހަށްކުރާ ޚަރަދު އަމިއްލަ ފަރުދުންނަށް އިޙްސާސްކުރެވޭ މިންވަރު ކުޑަވެ، އެއްކަމަކަށް ގިނަ ބޭސް ސިޓީތަކެއްގެދަށުން ބޭސް ނަގައި، ބޭނުންނުކޮށް އުކާލާ ބޭހުގެ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވޭކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރުން ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކާ އަގުތަކަކީވެސް ސަރަޙައްދީ ޤައުމުތަކާ އަޅާބަލާއިރު އިންތިހާއަށް އިތުރު އަގުތަކެއްކަމަށާއި، ބޭހުގެ އަގު ކޮންޓްރޯލްކުރެވިގެން ދިއުމަކީ އެކަމުގެ ސަބަބުން އާސަންދައިގެ ދަށުން ކުރާ ޚަރަދު ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ސަރުކާރުން ވިދާޅުވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބޭހުގެ އެންމެ މަތީ އަގު ކަނޑައަޅާފައިވަނީ ރާއްޖެއަށް ބޭސް އެތެރެކުރާ ފްރީ އޮން ބޯޑް (އެފްއޯބީ) އަގަށް، ވިޔަފާރިތަކުން ލެވޭނެ އެންމެ މަތީ ފައިދާގެ މާޒިން ކަނޑައަޅައިގެންނެވެ.

އެގޮތުން، މިހާރު ކަނޑައަޅާފައިވާ އެމް.އާރް.ފީ އަގުތަކަކީ، ބޭހުގެ ފްރީ އޮން ބޯޑް އަގުގެ ގޮތުގައި އިމްޕޯޓް އިންވޮއިސްތަކުން ހޯދާފައިވާ އަގުތަކަށް 100 އިންސައްތައިގެ މާކްއަޕެއް ލުމަށްފަހު ކަނޑައަޅާފައިވާ އަގުތަކެކެވެ. މި މާޖިން ކަނޑައެޅުމުގައި ވިޔަފާރިތަކުން މުދާ އުފުލުމާއި، ގުދަންކުރުމާއި، ކުއްޔާއި އެހެނިހެން ކަންކަމަށް ކުރާ ޚަރަދުތަކުގެ އިތުރުން، ވިޔަފާރީގެ ފައިދާއަށްވެސް ރިއާޔަތްކޮށްފައިވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން އެމް.އާރް.ޕީ ކަނޑައެޅިގެންދާއިރު، ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކަށް އަދިވެސް އެކަށީގެންވާ ފައިދާއެއް ހޯދޭނެ މަގު ފަހިވެފައިވާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.

އެމް.އާރް.ފީ ކަނޑައެޅުމުގެ މަސައްކަތުގެ ތެރޭގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންވަނީ ފާމަސީތަކާއި ބޭސް އެތެރެކުރާ ފަރާތްތަކާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާއެކު ގިނަ މަޝްވަރާތަކެއް ކޮށްފައެވެ.

ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެމަތީ އަގު ކަނޑައަޅައި 1 ޖެނުއަރީ 2022ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރުމަށް ނިންމާފައިވެއެވެ. މިކަން ތަންފީޒުކުރަން ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގައި އެމް.އާރް.ޕީ ކަނޑައެޅިގެން ދާނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ 357 ޖެނެރިކްގެ ބޭހަށް އެކަންޏެވެ. އަދި 2022ވަނަ އަހަރުގެ މެދުތެރޭގައި އެސެންޝަލް މެޑިސިން ލިސްޓުގައި ނުހިމެނޭ ހުރިހާ ބޭހަކަށް އެމް.އާރް.ޕީ ކަނޑައަޅަން ވަނީ ނިންމާފައެވެ.

އެމްއާރްޕީ ކަނޑައަޅައި ނިމި، ފުރިހަމައަށް ތަންފީޒުކުރެވޭނަމަ އާސަންދައިގެ ދަށުން ބޭހަށް ކުރާ ޚަރަދު އަހަރަކު ގާތްގަނޑަކަށް 205.9 މިލިޔަން ރުފިޔާ ކުޑަކުރެވޭނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

އެމް.އާރް.ފީގެ އިތުރުން ބޭހަށް ކުރާ ޚަރަދު ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފަހައްޓަން އިތުރު ފިޔަވަޅުތަކެއްވެސް އަޅަންޖެހޭކަން ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ގެނެވޭނެ އެއް ކަމެއްކަމަށް ފާހަގަކޮށްފައިވަނީ މުޅި ރާއްޖެއަށް ބޭނުންވާވަރަށް ވަކި މުހިއްމު ބޭސްތަކެއް އެއްފަހަރާ ގަނެ، ބަލްކުކޮށް އެތެރެކުރުމެވެ.

ރާއްޖޭގެ އިމްޕޯޓަރުން އެތެރެކުރާ ބޭހުގެ އަދަދަކީ ދުނިޔޭގެ ނިސްބަތުންވެސް މަދު އަދަދެއްކަމުން، މިހާރު ބޭސް އެތެރެކުރުމުގައި ލިބެނީ ބޭރުގެ ރީޓެއިލް އަގުތަކާ ގާތް ނުވަތަ އެއަށްވުރެވެސް މަތީ އަގުތަކެއްގައެވެ. އެހެންކަމުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މުހިއްމު ބޭސްތައް ސަރުކާރުން އިސްނަގައިގެން ބޭރުގެ ކަމާގުޅުންހުރި އިދާރާއެއް މެދުވެރިކޮށް ބަލްކުކޮށް ގަނެ އެތެރެކުރެވިއްޖެނަމަ، ސްކޭލް އިކޮނޮމީޒްގެ ފައިދާ ލިބިގަނެވި، ބޭހުގެ އަގު އިތުރަށް ކުޑަކޮށް ބޭހަށް ކުރާ ޚަރަދުވެސް ކުޑަކުރެވިގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.