ޚަބަރު

ޢަލީ މަނިކު ވަކިވެވަޑައިގަތުމަކީ ޢިޤްތިސާދަށް ލިބުނު ހީނަރުކަމެއް


ޢަލީ ޢުމަރު މަނިކު ވަކިވެވަޑައިގަތުމަކީ،
ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު
ހީނަރުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް
ވިދާޅުވެއްޖެއެވެ.



ރައީސުލްޖުމްހޫރިއްޔާ މިހެން
ވިދާޅުވީ، ދިވެހި ދައުލަތަށާއި، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ދިގު
މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ނިޝާން ޢިއްޒުންދީނުގެ
ޢިއްޒަތުގެ ވެރިޔާ މާފަންނު ޕާމްކޯޓު ޢަލީ ޢުމަރު މަނިކު އަވަހާރަވުމާ ގުޅިގެން،
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނުގައެވެ.



ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން
ނެރުއްވި ބަޔާނުގައި ޢަލީ ޢުމަރު މަނިކު ދެމިއޮތުމުގެ ޢާލަމަށް
ދަތުރުކުރެއްވުމަކީ، ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށް ލިބުނު
ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްކަމަށް ވިދާޅުވެފައިވެއެވެ.



ރައީސް އޮފީހުގެ ބަޔާނުގައި
ނ.ޢ.ޢ.ވ ޢަލީ ޢުމަރު މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޙަބަރު،
ރައީސުލްޖުމްހޫރިއްޔާ އެއްސެވީ ވަރަށް ފުން ހިޔާމަޔާ އެކުގަކަމަށް ވިދާޅުވެފައިވެއެވެ.
އެހެންކަމުން މިހިތާމައިގައި ބައިވެރިވެވަޑައިގެން، މަރްޙޫމް ޢަލީ ޢުމަރު މަނިކުގެ
އަނބިކަނބަލުންނަށާއި، ދަރިކަލުންނަށާއި އަދި އެމަނިކުފާނުގެ ލޮބުވެތި ޢާއިލާގެ
ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ވަނީ
ތަޢުޒިޔާ ދަންނަވާފައެވެ. އަދި އެމަރްހޫމް އަވަހާރަވުމުގެ ހިތާމައިގައި މިއަދުން
ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ، ބައިދަނޑިއަށް
ތިރިކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.



ނ.ޢ.ޢ.ވ ޢަލީ އުމަރު މަނިކު
އަވަހާރަވީ، ރޭގެ ވަގުތެއްގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު
ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.