ކުޅިވަރު

ކޮންކާކަފް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން މޮންޓެރޭއަށް


ކޮންކާކަފް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން މެކްސިކޯގެ މޮންޓެރޭ ކާމިޔާބުކޮށްފިއެވެ. މިއީ އުތުރާއި މެދުތެރޭ އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ ޤައުމުތަކުގެ ކްލަބް ތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި މުބާރާތުގެ ޗެމްޕިއަންކަން މޮންޓެރޭ ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ.

މޮންޓެރޭވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މިމުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައެވެ. މިފައިނަލް ވެގެންދިޔައީ މެކްސިކޯއަށް ނިސްބަތްވާ ދެކްލަބް މިމުބާރާތުގެ ފައިނަލްގައި ވޭތުވެދިޔަ ހައަހަރުގެ ތެރޭގައި ވާދަކުރި ހަތަރުވަނަ ފަހަރެވެ. މިމެޗްގައި މޮންޓެރޭއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 9 ވަނަ މިނެޓްގަޕއި ޖަހައިދިނީ ރޮޖޭލިއޯ ފޫނެސް މޯރީއެވެ. މިމެޗްގެ އިތުރު ވަގުތުގެ 10 ވަނަ މިނެޓްގައި ކްލަބް އެމެރިކާއަށް ޕެނަލްޓީއެއް ލިބުނު ކަމަށް ދެއްކި ނަމަވެސް ވީއޭއާރުން ބެލުމަށްފަހުވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ.

މޮންޓެރޭގެ މިކާމިޔާބިއަކީ މިމުބާރާތުގައި މެކްސިކޯގެ ކްލަބްތަކުން ޖެހިޖެހިގެން ހޯދި 16 ވަނަ ކާމިޔާބީއެވެ.