ވިޔަފާރި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ދިއްދޫގައި ޕާކެއް ގާއިމްކޮށްފި


ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމްކޮށްފިއެވެ. މި ކޮމިއުނިޓީ ޕާކު ތަރައްގީކޮށްފައިވަނީ އެރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބުންނެވެ.

ބީއެމްއެލްއިން ވިދާޅުވީ މި ޕްރޮޖެކްޓްގެ މަގްސަދަކީ ރަށުގެ ރައްޔިތުން ހުސްވަގުތުގައި އެއްވެ، ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމެވެ. އަދި މުޖްތަމައުގައި އޮންނަ ގުޅުމާއި އެއްބައިވަންތަކަން އިތުރުކުރުމެވެ. ރަށުގެ ގޮނޑުދޮށާއި ކައިރީގައި ގާއިމުކޮށްފައިވާ މިޕާކުގައި ރަށުގެ ރައްޔިތުންނަށް ބާބަކިއު ހެދުމާއި، އެކަކު އަނެކަކާ ބައްދަލުކޮށް ވަގުތު ހޭދަކޮއްލަން ތިބުމަށް ވަސީލަތްތައް ބެހެއްޓިފައިވެއެވެ. މީގެ އިތުރުން ފޮތް ހަރުގަނޑެއްވެސް މި ޕާކުގައި ބަހައްޓާފައިވެއެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ނަޝްވާން އިބްރާހިމް ވިދާޅުވީ ކޮމިއުނިޓީ ޕާކެއް އެރަށުގައި ތަރައްޤީކުރުމަށް ނިންމީ ރައްޔިތުންގެ ލާބައަށް ކަމަށެވެ. އެގޮތުން މިތަނުގައި ބާބަކިއު ހެދޭނެ އިންތިޒާމު ހަމަޖައްސައި ޖޯލި އަދި އުނދޯލި އާއި ލައިބްރަރީއެއްވަނީ ތަރައްގީކޮށްފައި ކަމަށާއި، އުންމީދަކީ މިތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އުފާވެރި އަދި ހިތްގައިމު މާހައުލަކަށް ވެގެން ދިއުން ކަމަށް ނަޝްވާން ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މި ގޮތުން ކޮންމެ ކުއާޓަރއެއްގައި 5 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާ ކަނޑައަޅެއެވެ. އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ޚާއްސަ ކުރެވިގެން ކޮންމެ އަހަރަކުވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން 1 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.