ވިޔަފާރި

ބައިނަލްއަޤްވާމީ 38 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރޭ


ރާއްޖެއަށް ބައިނަލްއަޤްވާމީ 38 އެއަރލައިނަކުން މިހާރު ދަތުރުކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްސް"ގައި ވާގޮތުން މިހާރު ރާއްޖެއަށް 32 އެއަރލައިނަކުން އަންނަނީ ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އަދި 7 އެއަރލައިނަކުން އަންނަނީ ޗާޓަރ ދަތުރުތައް ކުރަމުންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އެމިރޭޓްސްގެ ފްލައިޓުތަކުގައެވެ. އެގޮތުން އެ އެއަރލައިންގެ ފްލައިޓުތަކުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް 185039 ފަސިންޖަރުންވަނީ އުފުލާފައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓުތަކުގައެވެ. އެގޮތުން އެ އެއަރލައިންގެ ފްލައިޓުތަކުގައި ރާއްޖެއަށްވަނީ 165448 ފަތުރުވެރިން އައިސްފައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޗާޓަރުދަތުރުތައް ބާއްވާ އެއަރލައިންތަކުގެތެރެއިން އެންމެ ގިނަ އަދަދަކަށް ޕަސިންޖަރުން ރާއްޖެއަށް އުފުލާފައިވަނީ ލޮޓް ޕޮލިޝް އެއަރލައިންސްގެ ފްލައިޓުތަކުގައެވެ. އެގޮތުން އެ އެއަރލައިންގެ ފްލައިޓުތަކުގައި ރާއްޖެއަށްވަނީ 117134 ފަތުރުވެރިން އައިސްފައެވެ.

ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ހައި ސީޒަން ކަމަށްވުމުން ރާއްޖެއަށް އިތުރު އެއަރލައިންތަކަކުން ދަތުރުތައް ފަށާ، ރާއްޖެއަށް މިހާރުވެސް ދަތުރުތައް ބާއްވާ އެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކުރާނެ ކަމަށް ލަފާކުރެއެވެ.

ރާއްޖެއަށް މިހާރު މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.