ކުޅިވަރު

ކުރެއްދޫގައި ކުޅުނު އެންމެ އަގުބޮޑު މެޗުން ގައުމީ ޓީމަށް ބޮޑު މޮޅެއް


ރާއްޖޭގައި މިހާތަނަށް ކުޅުނު އެންމެ އަގުބޮޑު މެޗް ގައުމީ ޓީމުން ކާމިޔާބުކޮށްފިއެވެ. މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު)ގެ ހާއްސަ ދައުވަތަކަށް ކުރެއްދޫ ރިސޯޓުގައި ކުޅުނު މިމެޗުގައި ގައުމީ ޓީމް ބައްދަލުކޮށްފައިވަނީ ކުރެއްދޫ ރިސޯޓްގެ މުވައްޒަފުންގެ ޓީމާއެވެ. މިމެޗް ގައުމީ ޓީމް ކާމިޔާބުކޮށްފައިވަނީ 7 ލަނޑު 1 ލަނޑުންނެވެ. މިއެކްސިބިޝަންގެ މެޗްގެ އަގަކީ 1.2 މިލިއަން ރުފިޔާއެވެ.

ނިމިގެންދިޔަ ސާފް ޗެންޕިއަންޝިޕްގައި ގައުމީ ޓީމުން ދެއްކި ހިތްވަރު ފާހަގަކޮށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ގައުމީ ޓީމަށްވަނީ މެޗް ނިމުމުން 1.2 މިލިއަން ރުފިޔާ ދީފައެވެ. މިމެޗްގެ ފައިސާ ދީފައިވަނީ ކުރެއްދޫ ރިސޯޓްގެ ފަރާތުން ހުށައެޅި ފަސް ލައްކަ ރުފިޔާ، އެސްޓީއޯގެ ފަރާތުން ހުށައެޅި ފަސް ލައްކަ ރުފިޔާ، ދިރާގުގެ ފަރާތުން ހުށައެޅި އެއްލައްކަ ރުފިޔާ، ވިލާ ޓްރެވަލްސް އެންޑް ޓުއާސް އިން ދިން އެއް ލައްކަ ރުފިޔާ ހިމަނައިގެންނެވެ. އަދި ސަން ފްރަންޓާއި ލޮޓަސްގެ ފަރާތުން ވެސް ވަނީ ގައުމީ ޓީމަށް ހަދިޔާތަކެއް ދީފައެވެ.


އެފްއޭއެމުން ނިންމާފައިވަނީ މި މެޗުން ލިބުނު ފައިސާގެ އިނާމް ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަހަމަކޮށް ބަހާލުމަށެވެ. މިއީ ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗް އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ކޯޗުކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ. މިމެޗްގައި ގައުމީ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޢަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު އުމެއިރު، އަލީ ފާސިރެވެ. މިމެޗްގައި އަޝްފާގްވަނީ ހެޓްރިކް ހަދާފައެވެ. 30 މިނެޓް ހާފްއެއް ކުޅުނު މިމެޗްގެ ފުރަތަމަ ހާފް ގައުމީ ޓީމުން ނިންމާލީ 3 ލަނޑު 0 ލަނޑުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ އަސަދުއްﷲ ޢަބްދުﷲވަނީ ދެ ގޯލް ޖަހާފައެވެ. މިމެޗްގައި ކުރެއްދޫއަށް ސުން ކަނޑުވާލި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމްގެ ކެޕްޓަން، ގުރޭޝް ޢަބްދުއްރައްޒާގެވެ.