ޚަބަރު

ކުރިއަށްއޮތް 2 މަސްދުވަހު 2ލައްކަ ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފި


ކުރިއަށް އޮތް ދެމަސް ދުވަހުގެ ތޭރޭގައި ރާއްޖެއަސް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ލަފާކުރައްވައިފިއެވެ.

މިއަހަރު ރާއްޖެއަށް އަންނާނެކަމަށް ލަފާކުރި ފަތުރުވެރިންގެ ތެރެއިން އެއް މިލިއަން ފަތުރުވެރިން އަހަރު ނިމުމުގެ ކުރިން ވަނީ ރާއްޖެއައިސްފައެވެ.

ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އާތިފް ވިދާޅުވީ މިހާރު ދުވަލެއްމައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު 4000އިން މައްޗަށް އަރާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި 3 ލައްކައަށްވެސް އަރާފާނެކަމަށެވެ.

ކުރިއަށް އޮތީ ފަތުރުވެރިކަމުގެ، ހައި ސީޒަން ކަމަށްވުމާއެކު ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެން ދިއުމަކީ ވަރަށްބޮޑު އުންމީދެއްކަމަށް އާތިފް ވިދާޅުވިއެވެ.

ކޯވިޑާ ގުޅިގެން ދުނިޔޭގެ ބައެއް ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި މިހާރު އޮތަސް އަންނަ އަހަރުގެ ތެރޭގައި ގިނަ ބޯޑަރުތަކެއް ހުޅުވާލާނެކަމަށް އުންމީދު ކުރައްވާކަމަށް އާތިފް ވިދާޅުވިއެވެ. އެއާއެކު އަންނަ އހަރު ރާއްޖެއަންނަ ފަތުރުވެރިންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިއހަރު ކަނޑައެޅި ޓާގެޓް ހާސިލްމިވީ ދެ މަސް ކުރިން. މިހިސާބަށް އާދެވުނީ މި ސިނާއަތުގައި މަސައްކަތްކުރި ހުރިހާ ފަރާތްތައްކުގެ އެއްބާރުލުމާއެކު. އަންނަ އަހަރު ވަރަށް ބޮޑުތަން ކުރިއަރައިގެން ދާނެކަމަށް އުންމީދުކުރަން." އަޙްމަދު އާތިފް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ބޭރުގެ މާރކެޓަށް ރާއްޖެ އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢާއިޝަތު ނީޝާ ވިދާޅުވީ މިހާރުވެސް ރާއްޖެ އިސްތިހާރުކުރުމަށް އޮންލައިންކޮށްވެސް ޙަރަކާތްތައް ކުރިއަށް ގެންދާކަމަށެވެ.

މިހާރު ބައެއް ޤައުމުތައް ބަންދުވެފައި އޮތުމުގެ ސަބަބުން ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ނަން ފަނޑުވިޔަނުދިނުމަށްޓަކައި މަސައްކަތްތައް ކުރަމުން އަންނަކަމަށާ އާ މާކެޓްތައް ހޯދައި ފަތުރުވެރިން ގެނައުމުގެ މަސައްކަތްތައްވެސް ކުރެވެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮޑަށް ފޯކަސް މިކުރަނީ މިހާރު އަންނަ މާކެޓްތަކުންވެސް ފަތުރުވެރިން އަންނަ ޢަދަދު އިތުރުކުރުމަށް. މިއާއެކު އިތުރު މާކެޓްތައްވެސް ހޯދަން މަސައްކަތްތައް މިކުރަނީ." ޢާއިޝަތު ނީޝާ ވިދާޅުވިއެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. މިގޮތުން ވޭތުވެ ދިޔަ އަހަރު ރާއްޖެއަށް އައީ 555،494 ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް މިވަނީ އެއް މިލިޔަން ފަތުރުވެރިން ރާއްޖެ އައިސްފައެވެ. މިހާރު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަނީ އައްވައްޓެރި އިންޑިއާއިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.