ޚަބަރު

އައްޑޫ ޙިފްޡު ކޮމެޓީ އިފްތިތާޙު ކުރައްވައިފި


އައްޑޫ ސިޓީގެ ޙިފްޡު ކޮމެޓީ އިފްތިތާޙު ކޮށްދެއްވައި އައްޑޫގެ ދީނީ ޢިލްމުވެރިންނާ ނައިބް ރައީސް ފައިސަލް ނަސީމް ބައްދަލު ކުރައްވައިފިއެވެ.

އައްޑޫގެ ޙިފްޡު ކޮމެޓީ އިފްތިތާޙު ކުރުމަށް، ހިތަދޫ އެމްއެންޔޫ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ހިފްޡު ކޮމެޓީ އިފްތިތާޙު ކޮށްދެއްވީ ނައީބް ރައީސް ފައިސަލް ނަސީމެވެ. މިރަސްމީއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މުހިންމު ހައްޤުތަކެއް ކައުންސިލުތަކާއި ރައްޔިތުންނަށް މިހާރު ފޯރުކޮށްދޭކަމަށެވެ. އެގޮތުން ރަށުގައި ތިބެގެން ފަސޭހަކަމާއެކު ކަންކަން ކުރެވޭނެ މަގު ފަހިކުރަން ކުރެވޭ މަސައްކަތުގެ މުހިންމުކަމުގެ މައްޗަށް ނައިބުރައީސް ބައްލަވާލެއްވިއެވެ. އަދި ދިވެސް މިފަދަ ގިނަ ފުރުސަތުތައް ފައިވާންޖެހޭކަމަށް ނައީބް ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.ޢަލީ ޒާހިރު ވިދާޅުވީ، ޙާފިޒު ކަމުގެ ސަނަދު ހޯދުމަށް މިހާތަނަށް މާލެ ގޮސް ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން ރަށުގައި ތިބެގެން މި ސަނަދު ހާސިލު ވުމަކީ ލިބިގެން ދާނެ ލުޔެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އައްޑޫގައި ޙިފްޡު ކޮމެޓީ އުފެދިގެން ދިއުމާއިއެކު މީގެކުރިން މާލޭގައި ކުރަމުން އައި މިމަސައްކަތް އައްޑޫގައިވެސް އެކޮމެޓީގެ ބެލުމުގެ ދަށުން ކުރެވޭނެއެވެ. ހާފިޡު ކަމުގެ ސަނަދު ދިނުމަށް ތާވަލްކުރެވިގެން އައްޑޫ ރައްޔިތުން ގިނަ ދުވަސްތަކެއް މާލޭގައި ހޭދަކޮށް ކުރަމުން އައިއައުމަށް މިހިސާބުން ނިމުމެއް އަންނާނެކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫ ޙިފްޡު ކޮމެޓީއަކީ އަތޮޅުތަކުގައި ދެވަނައަށް އިފްތިތާޙުކުރި ހިފްޡު ކޮމެޓީއެވެ. މާލެ ފިޔަވައި ފުރަތަމަ ހިފްޡު ކޮމެޓީ އުފެއްދެވީ ފުވައްމުލަކު ސިޓީގައެވެ.