ޚަބަރު

ނޢޢވ. ޢަލީ ޢުމަރު މަނިކު އަވަހާރަވެއްޖެ


ދިވެހި ދައުލަތަށް ވަރަށް ގިނަ ދުވަހު ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރައްވާފައިވާ، އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ މާފަންނު ޕާމްކޯޓު ޢަލީ ޢުމަރު މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.ޢަލީ ޢުމަރު މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، މިރޭގެ ވަގުތެއްގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ. ޢަލީ ޢުމަރު މަނިކު އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން ޑރ. މުޙައްމަދު ޢަލީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި    މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ޢަލީ ޢުމަރު މަނިކަކީ، ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި އަދި ރާއްޖެ މިއަދު މިދެކޭ ތަރައްޤީގައި މުހިއްމު ޙިއްޞާއެއް އަދާކުރައްވާފައިވާ ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ޢަލީ ޢުމަރުމަނިކު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާ، 20ޑިސެންބަރު 2015ވާ އާދީއްތަ ދުވަހުން  ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަލީ ޢުމަރު މަނިކަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ސަރުކާރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރައްވާފައިވާ އަދި ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމު ފުރުއްވާފައެވެ. ސަރުކާރުގެ ޚިދްމަތް ފެށްޓެވީ، 13 ޖުލައި 1958 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޚާރިޖިއްޔާގެ ސަފީރު އޮފީހުގެ ވެރިޔާގެ ސެކްރެޓަރީ ކަމުގެ މަޤާމެވެ. އޭގެފަހުން، ވަޒީރުލް އަޢުޡަމްގެ އޮފީހުގެ ޚާއްޞަ ވަކީލު ކަމުގެ މަޤާމާއި، ދިވެހި ދައުލަތުގެ ވިޔަފާރިއާބެހޭ ސަފީރުކަން ކުރައްވާފައިވެއެވެ. އަދި މިނިސްޓަރ އޮފް ޝިޕިންގ ކަމުގެ މަޤާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.ހުޅުލޭގައި ވައިގެ ބަނދަރެއް ހެދުމުގެ ޢަމަލީ މަސައްކަތް ހިންގެވުމުގައި އޭރުގެ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރުގެ ބެއްލެވުމުގެ ދަށުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގަތީ ޢަލީ ޢުމަރު މަނިކެވެ. 1972 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުވުމާއެކު، މި މަސައްކަތް ތަރައްޤީ ކުރެއްވުމަށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު އެކުލަވައިލެއްވި ޚާއްޞަ ކޮމިޓީގައި ހިމެނިވަޑައިގެން، މިރޮނގުންވެސް ޢަލީ ޢުމަރު މަނިކު ވަނީ އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައެވެ. ޢަލީ ޢުމަރު މަނިކުގެ ޚިދްމަތްތަކުގެ ތެރެއިން ރާއްޖޭގެ މުވާޞަލާތީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދި މުވާޞަލާތީ ވިއުގަ ތަރައްޤީ ކުރެއްވުމަށާއި، ރާއްޖެއަށް ސެޓަލައިޓް ކޮމިއުނިކޭޝަންގެ ޚިދްމަތާއި، ޓެލެފޯން، ޓެލެކްސް އަދި ފެކްސްގެ ޚިދްމަތް ތަޢާރުފްވެގެން ދިއުމުގައި، އެމަނިކުފާނު ޢަމަލީގޮތުން ކުރެއްވި މަސައްކަތްޕުޅުތައް ހަނދާންކުރަންޖެހެއެވެ. އަދި ރާއްޖޭގައި ޓެލެވިޜަން ސްޓޭޝަން ޤާއިމުކުރެއްވުމުގެ ކަންކަން ޢަމަލީގޮތުން ހިންގެވި ބޭފުޅަކީވެސް ޢަލީ ޢުމަރު މަނިކެވެ.ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޢަލީ ޢުމަރު މަނިކު އަދާކުރެއްވި އެންމެ މުހިންމު މަޤާމަކީ، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަޤާމެވެ.    އެ މަޤާމުގައި 26 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެމަނިކުފާނު ޚިދްމަތް ކުރައްވާފައިވެއެވެ. އޭގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.ޢަލީ ޢުމަރު މަނިކަކީ، ރާއްޖޭގެ މިޒަމާނުގެ އިޤްތިޞާދު ތަރައްޤީ ކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ، ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. ރާއްޖޭގެ މިހާރުގެ އިޤްތިޞާދަށް ޒަމާނީ ބަދަލުތައް ގެންނެވި އެންމެ ވަރުގަދަ ރޭވުންތެރިޔާއެވެ. ޚާއްޞަކޮށް، ރާއްޖޭގެ ޝިޕިންގ ލައިން އުފެދި، އޭގެ އެންމެ ޅަދޮޅުކަމާއެކު ހެދެމުން އައި ދުވަސްވަރު، ކަމަށް ބޭނުންވާ ހުނަރުވެރިން އުފައްދަވައި، ރާއްޖޭގެ ޝިޕިންގ ލައިނަށް ބޭނުންވާ މީހުން ބިނާކުރެއްވުމުގައި، އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އެމަނިކުފާނުގެ އަމިއްލަފުޅު ޝައުޤުވެރިކަމާއެކު، ރާއްޖޭގެ ޝިޕިންގ ލައިން ތަރައްޤީ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދި މޯލްޑިވްސް ޝިޕިންގ ލިމިޓެޑް ހިންގެވުމުގެ އެންމެ އިސް ވެރިއެއްގެ ގޮތުން، ރާއްޖޭގެ ޝިޕިންގ އިންޑަސްޓްރީއަށް ގެންނެވި ހެޔޮ ބަދަލުތަކަކީވެސް، އެމަނިކުފާނު ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދްމަތްތަކުގެ ވަރަށް މުހިންމު ބައެކެވެ. ޤައުމީ އިޤްތިޞާދަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުން 1979 ވަނަ އަހަރު އެމަނިކުފާނަށް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، ސަރުކާރުން އަރުވާފައެވެ. ޢަލީ ޢުމަރު މަނިކު ފާހަގަކޮށްލެވިފައިވަނީ، ޖަމާޢަތަށް ފައިދާހުރި ޚާއްޞަ މަސައްކަތްތައް ކުރެއްވުމުގެ ރޮނގުންވެސް މުހިންމު ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ ދީލަތި އެހީފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ، މާފުށީގައި ސަރުކާރުން ހެއްދެވި އިޞްލާޙިއްޔާ ބޮޑުކޮށް ތަރައްޤީ ކުރެއްވުމުގައި ވެދެއްވި އަގުހުރި އެހީފުޅުތަކެވެ. މީގެއިތުރުން، ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި ސްކޫލް ބިނާކުރައްވައި، ބައެއް ސްކޫލްތަކަށް އެހީވެދެއްވައި، ޖަމާޢަތަށް ފައިދާހުރި ކަންކަން ކުރައްވާފައިވެއެވެ. ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ކަންތައްތައް ކުރެއްވުމުގެ ރޮނގުންވެސް އެމަނިކުފާނަށް ވަނީ 1982 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވާފައެވެ. އަދި މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެކި ރޮނގު ރޮނގުން ދިވެހި ޤައުމަށް ގެންނަވަން ފެށްޓެވި ބޮޑެތި ބަދަލުތަކާއި ތަރައްޤީގައިވެސް ޢަލީ ޢުމަރު މަނިކު މުހިންމު ދައުރެއް ވަނީ އަދާކުރައްވާފައެވެ. މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީ ކުރައްވައި، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރެއްވުމުގެ މަސައްކަތުގަޔާއި، އިސްލާމީ މަރްކަޒު ބިނާކުރެއްވުމުގެ މަސައްކަތުގަޔާއި، މާލޭ ވިޔަފާރި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގައި އެމަނިކުފާނުގެ ލަފާފުޅާއި އެހީތެރިކަން ވަނީ ލިބިވަޑައިގެންފައެވެ. އަދި މާލޭގެ ބޯފެނުގެ މައްސަލަ ޙައްލުކޮށްދެއްވުމުގަޔާއި އަދި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކަމްޕެނީ އުފެއްދެވުމުގެ މަސައްކަތުގަޔާއި، ހުޅުމާލޭ މަޝްރޫޢުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާއަށް ލަފާފުޅު އަރުވައި އިރުޝާދު ދެއްވަމުން ގެންދަވާފައިވެއެވެ.