ޚަބަރު

މަޖިލިސް ރައީސް ކޮޕް 26ގައި ބައިވެރިވެވަޑައިގަތުމަށް ފުރައިވަޑައިގެންފި


މުޅި ދުނިޔޭގެ ކުރިމަގާއި ގުޅޭ ތިމާވެށީގެ މުހިއްމު ނިންމުންތަކެއް ނިންމައި، ދުނިޔޭގެ އެންމެބޮޑު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރައިވަޑައިގެންފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ތިމާވެށީގެ ސަމިޓް ކޮޕް26 ފަށާނީ އަންނަ އާދީއްތަދުވަހުއެވެ. ސްކޮޓްލެންޑުގެ ގްލާސްގޯގައި ބާއްވާ މޫސުމީ ބަދަލުތަކާއި ބެހޭ ބައިނަލްއަގްވާމީ ބައްދަލުވުން، ކޮޕް 26 ގައި ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރަން ބޭނުންވާ މާލީ އެހީތައް ހޯދަން މަސައްކަތްކޮށް އަޑު އުފުލާނެކަމަށް މިދިޔަ ހަފްތާގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ މި ކޮންފަރެންސުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއެކު ބައިވެރިވެޑައިގަންނަވަން ފުރުސަތު ލިބުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ ހާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ލިބިގެންދާ އިތުރު ފުރުސަތެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

މިފަހަރުގެ ސަމިޓުގައި ދުނިޔޭގެ 100އަށްވުރެ ގިނަ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ. މިއީ 2015 ވަނަ އަހަރުގެ ޕެރިސް އެގްރިމަންޓަށްފަހު ބޭއްވޭ މިފަދަ އެންމެ ވަރުގަދަ ބައްދަލުވުމަށް ވާނެކަމަށް ބައެއް ޤައުމުތަކުން ދެކެއެވެ.

ޤައުމުތަކުން ވަނީ ސަމިޓުގެ ކުރިން އެޤައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ، މަދުކުރާނެ މިންވަރު ކަނޑައަޅަމުންނެވެ. ރާއްޖެއިން ވަނީ މިކަން 2019ވަނަ އަހަރު ޢިއުލާންކޮށް 2030ގެ ނިޔަލަށް ނެޓް ޒީރޯއަށް ވާޞިލްވުމުގެ މަސައްކަތް އެންމެފުރަތަމަ ފެށި މަދު ޤައުމުތަކުގެ ތެރޭގައި ހިމެނިފައެވެ.