ތިމާވެށި

ލެކްރެޑް ޕްރޮޖެކްޓްގެ ދަށުން ލ އަތޮޅުގައި ފެއަރ އެއް ބާއްވައިފި


މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަންކަމަށް ހައްލެއް ހޯދައި، ތައްޔާރުވުމާއި ބެހޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ލ އަތޮޅުގައި އެއްދުވަހުގެ ފެއަރއެއް ބާއްވައިފިއެވެ.

މި ފެއަރގައި، ގޭތެރޭގައި ބޭނުންކުރާ ބައެއް އިލްކްޓްރޯނިކް ސާމާނުގެ އިތުރުން، ފަރުތަކާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކާއި، ރައްކާތެރިގޮތުގައި ކުނި މެނޭޖް ކުރާ ފަރާތްތަކުގެ އިތުރުން ފެނާއި ގުޅުން ހުރި މަސައްކަތް ކުރާ ފަރާތްތައް ހިމެނެއެވެ.

ފެއަރގައި ބައިވެރިވި ހޮރައިޒަން ފިޝަރީޒުން ވަނީ އޯޒޯނާއި ރައްޓެހި ގޭސް ބޭނުންކުރާ އޭސީއެއް ދައްކާލާފައެވެ. އެކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، ކުންފުނީގެ ބޭނުމަކީ މި ގޭސްބޭނުންކުރާ އޭސީ މުޅި ލ އަތޮޅުގައި ބޭނުންކުރުން ކަމަށެވެ. މީގެ އިތުރުން މި ފެއަރގައި ބައިވެރިވި ކަނޑުފަޅު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ އެޓޯލް މެރިން ސެންޓަރުންވެސް ވަނި ސްޓޯލް އެއް ބަހައްޓާ މަޢުލޫމާތުދީފައެވެ. އެފަރާތުން ދަނީ ޅ.އަތޮޅުގައިވެސް އާއްމުންގެ މެދުގައި ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

މި ފެއަރގައި އައްޑޫ ސަބާ ޖަމްއިއްޔާއިނވެސް ވަނީ، ގޭގައި ތިބެގެން އަންހެނުނަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތުދީ މިގޮތުން ކުރެވިދާނެ މަސައްކަތްތަކާއި، ބައެއް މީހުން ކުރަމުންދާ މަސައްކަތް ދައްކާލާފައެވެ. މީގެ އިތުރުން މުޅި ލ.އަތޮޅުގެ ސްކޫލްތަކަށް އަމާޒުކޮށްގެން، ސްކޫލް ކުދިންގެ މެދުގައި ބޭއްވި ޕޯސްޓަރ ކުރެހުމުގެ މުބާރާތެއްގެ، ކުރެހުންތައްވެސް މި ފެއަރގައި ދައްކާލާފައިވެއެވެ.

ލެކްރެޑް ނުވަތަ ލޯ އެމިޝަން ކްލައިމެޓް ރެސިލިއެންޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައިވެސް ލ އަތޮޅުގައި ފެއަރ އެއް ބާއްވާފައިވެއެވެ.