ޚަބަރު

ހުޅުމާލެ ފޭސް 1ގައި ޑްރައިވިންގ ލައިސަންސް ޓެސްޓު ހެދުމަށް ބިން ކަނޑައަޅައިފި


ހުޅުމާލޭ ފޭސް 1 ގައި ޑްރައިވިންގ ލައިސަންސް ނެގުމަށް ބޭނުންކުރާ ބިން ކަނޑައަޅައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ޑްރައިވިންގ ލައިސަންސް ނެގުމަށް ބޭނުންކުރަން ހުޅުމާލެ ލޮޓް ނަމްބަރު 10909 ޓްރާންސްޕޯޓް މިނިސްޓްރީއަށް ކަނޑައަޅާފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ ޕޯޓް އާއި ޖެހިގެން އޮންނަ ބިމެވެ. މިބިމަކީ ޖުމްލަ 20،163.58 އަކަފޫޓުގެ ބިމެކެވެ. ބިން ކަނޑައަޅައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު ނަހުލާއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ މިހާރު ލައިސަންސް ނެގުމަށް ބޭނުންކުރަމުންދާ ސަރަހައްދުތަކުގައި ގިނަ ދަތިތަކެއް ހުރި ކަމަށާއި ހުޅުމާލޭގައި ޤާއިމުކުރެވިގެންދާ މި ސަރަހައްދުން މި ހުރިހާ ކަމަކަށްވެސް ހައްލު ލިބިގެންދާނެކަމަށެވެ.

ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ ޕޯޓް އާއި ޖެހިގެން އޮންނަ މިބިމުގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޓެސްޓުތައް ހެދުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގާ ޑްރައިވިން ޓްރެކެއް ހުޅުމާލޭގައި ހެދުމަށް، މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީން، ޓްރާންސްޕޯޓް މިނިސްޓްރީއަށް ތަކެތި ހަދިޔާކޮށްފިއެވެ.

ހުޅުމާލޭ ފޭސް 1 ގައި ޑްރައިވިންގ ލައިސަންސް ނެގުމަށް ބޭނުންކުރާ ބިން މިއަދު ކަނޑައަޅާފައިވާއިރު ހުޅުމާލޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގާ ޑްރައިވިން ޓްރެކެއް ހެދުމަށް، އެމްޑަބްލިއުއެސްސީގެ އިޖްތިމާޢީ ޒިންމާގެދަށުން 1 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތަކެތި މިހަފްތާގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީއާވަނީ ހަވާލުކޮށްފައެވެ.