ވިޔަފާރި

ރާއްޖޭގެ އިޤްތިޞާދުގައި ޓެކްނޮލޮޖީގެ ދައުރު ފުޅާކުރަން ވޯލްޑް ބޭންކުގެ ޝައުޤުވެރިކަން!


ދިވެހި އިޤްތިޞާދު ކުރިއެރުވުމުގައި ޓެކްނޮލޮޖީގެ ދައުރު ފުޅާ ކުރުމަށް ވޯލްޑް ބޭންކުން އެހީތެރިވުމުގެ ޝައުޤުވެރިކަން އެ އިދާރާއިން ފާޅުކޮށްފިއެވެ.

ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާ ރީޖަންގެ ނައިބްރައީސް ހާޓް ޝައިފަރ، ވިދާޅުވީ ކޯވިޑަށްފަހު ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގަތުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އޭނާގެ ވާހަކަފުޅުގައި ކޯވިޑުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދު ހިފެއްހެއްޓުމަށާއި، ސިއްޙީ ދާއިރާގެ ވަރުގަދަ ކުރުމަށް އެ އިދާރާއިން ގިނެ އެހީތަކެއް ދީފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި މިހާރު އިޤްތިޞާދު އިޔާދަވަމުން ގޮސް ފަތުރުވެރިންވެސް ރާއްޖެ އަންނަން ފަށާފައިވާއިރު އެކަމަށް އޭނާވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

ޝައިފަރގެ ވާހަކަފުޅުގައި، ވޯލްޑް ބޭންކާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި ޓެކްނޮލޮޖީގެ ދައިރާގައި ރާއްޖެއަށް އޮތް ފުރުސަތު ފުޅާ ކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަން ފާހަގަ ކުރެއްވިއެވެ. އަދި މިދަތުރުފުޅުގައި އެކަމާއި ގުޅޭގޮތުން މުޢައްސަސާތަކާއި އަދި އަންހެން ވިޔަފާރި ކަނބަލުންނާއި އެންޓަޕްރިނުއާސް އާއި ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއިން އެކުލަވާފައިވާ ނޫ އިޤްތިޞާދީ ސިޔާސަތާއި ބެހޭ ގޮތުން އިތުރަށް ދެނެގަތުމުގެ ޝައުޤުވެރިކަން އޭނާ ވަނީ ފާޅުކުރައްވާފައެވެ.

ވޯލްޑް ބޭންކުގެ ނައިބް ރައީސްގެ މިދަތުރުފުޅާއި ގުޅިގެން ރާއްޖެއިން މަރުހަބާ ދެންނެވުމަށް ތައްޔާރަށް ތިބި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ. އަދި ވޯލްޑް ބޭންކުން ކޯވިޑުގެ ތެރޭގައި ބެހެއްޓެވި ގާތްގުޅުމަށާއި ދެއްވި އެހީތެރިކަމަށް މިނިސްޓަރ އަމީރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ވޯލްޑް ބޭންކަކީ ރައްޖޭގައި ހިންގޭ ގިނަ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދޭ މާލީ އިދާރާއެކެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާ އާއި މަސްވެރިކަމުގެ ދައިރާ ތަރައްޤީ ކުރުމުގެ ގިނަ މަޝްރޫޢުތަކަށް އެއިދާރާގެ އެހީތެރިކަން ލިބިފައިވެއެވެ. ވޯލްޑް ބޭންކާއި ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރާތާ މިވަނީ 40 އަހަރުވެފައެވެ.