ޚަބަރު

އިންފްލުއެންޒާއަށް ޕޮޒިޓިވްވެ 6 ކުއްޖަކު އައިސީޔޫގައި، ސަމާލުވޭ!


އިންފުލުއެންޒާގެ ނުރައްކާ ބޮޑުވެ 6 ކުއްޖަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ.އަޙްމަދު ފައިސަލް ވިދާޅުވީ ހުމާއި ރޯގާ އަދިވެސް މަދުވަމުން ނުދާކަމަށެވެ.

ގައިންގަޔަށްއަރާ ހުމާއި ރޯގާގެ ކޭސްތައް އިތުރުވަމުން އަންނާތީ ސަމާލުވުމަށް އެޗްޕީއޭއިންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. މިމަހުގެ 15ގެ ނިޔަލަށް 11،000އަށްވުރެ ގިނަ މީހުންނަށް ހުމާއި ރޯގާގެ އަސަރު ހުރެގެން ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެތެރެއިން ގިނަބަޔަކު އިންފްލުއެންޒާ ޖެހިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިއީ މިއަހަރުގެ މިހާތަނަށްވެސް އެންމެ ގިނަބަޔަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވި މަހުގެ ގޮތުގައި ވަނީ ރިކޯޑުކުރެވިފައެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ.އަޙްމަދު ފައިސަލް ވިދާޅުވީ މިބަލީގެ ބޮޑުވަރުވާ މީހުންގެ ނިސްބަތް ކުޑަކުދިންނާއި ބޮޑެތި ބަލިތައް ހުންނަ މީހުންގެ މެދުގައި އިތުރުކަމަށެވެ. އެގޮތުން މިވަގުތުވެސް އައިޖީއެމްއެޗްގެ އައިސީޔޫގައި 6 ކުއްޖަކަށް ފަރުވާދެމުން އަންނަކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ. އަދި މިބަލީގެ ނުރައްކާ ކޯވިޑްއަށްވުރެ ބޮޑަށް ކުޑަކުދިންނަށް ކުރާކަން ޑރ.ފައިސަލްވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިބަލިން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ޑޮކްޓަރވަނީ އިލްތިމާސްކުރައްވާފައެވެ.

ބަލި ހުރިނަމަ ގޭގެއަށް ޒިޔާރަތްނުކުރުމާއި ޢާއްމުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި ތުއްތުކުދިންނަށް ޒިޔާރަތް ނުކުރުމަށް ޑރ.ފައިސަލްވަނީ އިލްތިމާސްކުރައްވާފައެވެ. ޑރ.ފައިސަލް ވިދާޅުވީ ރޯގާއެއްކަމަށްވުމުން ރޯގާ ހިފާފައި ހުރީ ކަރުން މަތީގައިތޯ ނުވަތަ ފުއްޕާމޭގައިތޯ ބަލަންޖެހޭކަމަށެވެ. އަދި ނޭވާލުމަށް އެއްވެސްވަރެއްގެ އުނދަގުލެއް ކުރިމަތިވާނަމަ ތުއްތު ކުއްޖަކަށް ބޮޑު މީހަކަށްވިޔަސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުންވެސް މިދުވަސްވަރު ހުމާ ރޯގާގެ ކޭސްތައް އިތުރުވަމުންދާކަން ފާހަގަވެފައިވާތީ ބަލިން ރައްކާތެރިވުމަށްޓަކާ ދުރާލާ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއްވައެވެ. އަދި އުމުރުން 5 އަހަރުން ދަށުގެ ތުއްތު ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި މާބަނޑު މީހުންނާއި ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުންނާއި ދިފާޢީ ނިޒާމު ބަލި މީހުންގެ ކިބައިން ހުމާއި ރޯގާގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ބައްޔާމެދު ސަމާލުވުމަށް ހެލްތު ޕްރޮޓެންޝަން އެޖެންސީންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ހުމާއި ރޯގާގެ ޢަލާމަތްތައް ހުރި ފަރާތްތަކުން ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި އެރަށެއްގެ ފްލޫ ކްލިނިކަށް ދިޔުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.