ޚަބަރު

"މޫސުމީ ބަދަލުތަކުގެ މައްސަލަތައް ޙައްލުކުރުމުގައި ޒުވާނުންނާއި އަންހެނުންގެ ދައުރު މުހިންމު"


މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ މައްސަލަ ޙައްލުކުރުމުގައި ޒުވާނުންނާއި އަންހެނުންނާއި މިނޫންވެސް ހުރިހާ ފަރާތްތަކެއް ބާރުވެރިކުރުވުން މުހިންމު ކަމަށާ، މިއީ މުޅި މުޖްތަމަޢު ޝާމިލު ކުރުންޖެހޭ ކަމެއްކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝަހިދު މިހެން ވިދާޅުވީ އދގެ އާއްމު މަޖިލީހުގެ "ހައި-ލެވެލް ތީމެޓިކް ޑިބޭޓް އޮން ޑެލިވަރިން ކްލައިމެޓް އެކްޝަން: ފޮރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" ގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އިއާދަކުރަނިވި ހަކަތައަކީ ދުނިޔޭގެ އެންމެ އަގުހެޔޮ ހަކަތައިގެ ވަސީލަތް ކަމަށްވާތީ ފޮސިލް ފިއުލް ބޭނުން ކުރުން ވަރަށް ބޮޑަށް ދަށްވެއްޖެކަމަށެވެ. އަދި އިޢާދަކުރަނިވި ހަކަތަ ލިބޭނެ މަގުތައް ފަސޭހަވެ، އިތުރުވުމާއި އޭގެ ބޭނުންތައް ފުޅާ ވަމުން ދާކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ފުރާޅުގައި ސޯލަރ ޕެނަލް ހަރުކުރުމަށް ފޯރުކޯށްދޭ މާލީ އެހީތެރިކަމާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް އެކި ޤައުމުތަކުގައި ހަދަމުންދާ ގަވާއިދުތަކާއި އިލެކްޓްރިކް ވެހިކަލްތަކަށް ދެމުންދާ ޓެކްސް ކްރެޑިޓްތައް ފަދަ އެކިއެކި ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސާފު ހަކަތަ ބޭނުންކުރުމަށާއި، އެއާއެކު ހަރަދު ކުޑަކުރުމަށް ބާރު އެޅިގެންދާކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތް އަމާޒުކުރަންޖެހޭނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މަދުވެގެން 1 ޓްރިލިއަން ޑޮލަރުގެ އެހީ ލިބޭނެކަމުގެ ޔަޤީންކަން ދިނުމަށް.މި ދަތިތަކާ ހުރެވެސް މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތާއި މެމްބަރު ގައުމުތަކުގެ އަމާޒުތައް އިތުރުވަމުން ދާކަން ތިހުރިހާ ބޭފުޅުންވެސް އެއްބަސްވާނެ."އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތައް ރައްޔިތުންގެ ރުހުމާއި އެއްބާރުލުން އިތުރުވެފައިވާކަމަށެވެ. ކޯވިޑް-19ގެ ސަބަބުން ދިމާވާ ނުރައްކާތެރިކަން ބޮޑުކަމުގައިވީނަމަވެސް، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށްވާއިރު، އެކަމަކީ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ މައްސަލަކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝަހިދު ވިދާޅުވީ އެންމެ ނާޒުކު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ފަދަ ޤައުމުތަކަށް، ކޮވިޑްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ހުރަސްތައް ކުރިމަތިވެފައިވާކަމަށެވެ.

"ޚާއްސަ ޙާލަތްތަކުގައިތިބި ޤައުމުތަކުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންނަމަ ދަރަނި އަދާކުރުމުގައި ހުރި ގޮންޖެހުންތައް ފަދަ މައްސަލަތައް ހައްލުކުރަން ޖެހޭ. ދަރަނި ދެއްކުން މެދުކަނޑާލުމުގެ އިނީޝިއޭޓިވް އިތުރު އެއް އަހަރަށް އިތުރުކުރުމުން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އޭގެއިން ފައިދާކުރާނެ. ކުރިއަށް އޮތް ޖީ20 ސަމިޓަކީ މިކަމަށް އޮތް މުހިއްމު ހައްލަކަށް ވެގެންދާނެ."އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޝާހިދު ވަނީ މޫސުމަށް އަންނަ ބަދަލުތައް ޙައްލުކުރުމުގައި ޒުވާން ކުދިންނާއި އަންހެނުންނާއި އަދި މިނޫންވެސް ހުރިހާ ފަރާތްތައް ބާރުވެރިކުރުވާ، މުޅި މުޖްތަމަޢު އެކަމުގައި ޝާމިލުކުރުންޖެހޭކަން ފާހަގަކުރައްވާފައެވެ.

މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19އާއި މޫސުމަށް އަންނަ ބަދަލުތަކާއި ބަޔޯޑައިވަރސިޓީ ގެއްލުންފަދަ ގޮންޖެހުންތަކަކީ، އިމެއް ނެތް، އަދި މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ޝަހިދު ފާހަގކުރެއްވިއެވެ. ޝަހިދު ވިދާޅުވީ މި ގޮންޖެހުންތަކަކީ ދުނިޔޭގެ އުތުރަކަށް ދެކުނަކަށް އަދި ވަކި ކުލައަކަށް ބެލުމެއްނެތް ދިމާވާ ގޮންޖެހުންތަކެއްކަމަށެވެ.