ވިޔަފާރި

ބީއެމްއެލް ރިވޯޑްސް ލޯޔަލްޓީ ޕްރޮގްރާމް ތައާރަފްކޮށްފި


ބޭންކް އޮފް މޯލްޑިވްސްއިން ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް "ބީއެމްއެލް ރިވޯޑްސް"ގެ ނަމުގައި އެކްސްކްލޫސިވް ލޯޔަލްޓީ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

މިއީ ދުނިޔޭގެ 55 ގައުމެއްގައި މިހާރުވެސް ލޯޔަލްޓީ ޕްރޮގްރާމް ހިންގަމުންދާ ގިފްޓްއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޕްރޮގްރާމެކެވެ.

ބީއެމްއެލް ރިވޯޑްސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ރިވޯޑް ޕޮއިންޓްސް ލިބޭނެއެވެ. މިގޮަތަށް ލިބޭ ޕޮއިންޓް ރިޑީމްކޮށްގެން 900 އަށްވުރެ ގިނަ އެއާރލައިނާއި، 650000 ހޮޓެލާއި، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯރ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ ފާހަގަކޮށްލެވޭ އިތުރު ބްރޭންޑްތަކުގެ ގިފްޓް ކާޑުވެސް ގަތުމުގެ ފުރުސަތު ލިބޭނެއެވެ.

ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓަރކާޑުގެ ކްރެޑިޓް ކާޑު ބޭނުންކުރާ އަމިއްލަ ފަރުދުންނަށް މި ޕްރޮގްރާމަށް ރަޖިސްޓްރީ ކުރެވޭނެއެވެ.

މި ޕްރޮގްރާމް އިފްތިތާހްކުރުމަށްޓަކައި ވަނީ ހޮޓެލް ޖެންގައި ޙާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ވާހަކަދައްކަވަމުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ޕްރޮގްރާމަކީ ރާއްޖޭގެ ފުރަތަމަ ފުރިހަމަ ލޯޔަލްޓީ ޕްރޮގްރާމް ކަމަށެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ކާޑު ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ ހިދުމަތްތަކުގެ އިތުރުން ކްރެޑިޓް ކާޑުން ލިބޭ ގިނަގުނަ ފައިދާ ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ޓިމް ވިދާޅުވިއެވެ.

"ކްރެޑިޓް ކާޑަކީ ރާއްޖެއާއި ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ވިޔަފާރި ކުރަން ބޭނުން ކުރެވޭނެ ކާޑެއް. ފާއިތުވި ދުވަސްތަކުގައި މި ލޯޔަލްޓީ ޕްރޮގްރާމް ކަސްޓަމަރުންނާ ހަމަޔަށް ގެނެސްދިނުމަށް މި ފާއިތުވި ދުވަސްތަކުގައި ބޭންކުން ވަރަށް ބުރަކޮށް މަސައްކަތް ކުރިން. އުއްމީދުކުރަން ވީހާވެސް ގިނަ ކަސްޓަމަރުން ބީއެމްއެލް ރިވޯޑްސްގެ ފައިދާ ހޯދަމުން ދާނެކަމަށް" ޓިމް ސޯޔަރ ވިދާޅުވިއެވެ.

300000އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7000އަށްވުރެ ގިނަ މާރޗެންޓުންނާއެކު ބީއެމްއެލަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެއިތުރުން ބީއެމްއެލަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކުރުމާއި ބަލައިގަންނަ ހަމައެކަނި ބޭންކެވެ. އަދި ވިސާ އަދި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެއްވެސްމެއެވެ.