ވިޔަފާރި

އެމްއެސްއެސްގެ ބޯޓުގެ ދަތުރެއްގައި މިހާރު 400އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ރާއްޖެއަށް


ކޮންމެ ދަތުރެއްގައި މިހާރު 400އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ރާއްޖެއަށް ގެންނަ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސަޢީދު ވިދާޅުވީ ދަތިތަކާ އެކުވެސް އެކުންފުނިން ގިނަ ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށެވެ. އެގޮތުން މީގެ އަހަރެއްހާ ދުވަސްކުރިން އެކުންފުނިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި އުފުލަމުން ދިޔައީ 50 އެއްހާ ކޮންޓެއިނަރު ކަމަށް ސައީދު ވިދާޅުވިއެވެ.

" މިހާރު އެބަ ގެންނަން 400އަށްވުރެ ގިނަ ކޮންޓެއިނަރު ކޮންމެ ދަތުރެއްގައި، ފެށި އިރުވެސް މެއިންޓެއިން ކުރެވޭތޯ ބެލިން 10 ދުވަހުން ބުރެއް ޖަހާގޮތަށް، އަޅުގަނޑު ދެކެނީ 50 ކޮންޓެއިނަރުން ފެށިގެން 400އަށްވުރެ މައްޗަށް ދިޔައީމަ އެއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެ ކުންފުނި ފައިދާވާ ކުންފުންޏެއްގެ ގޮތުގައި އޮޕަރޭޓްކުރަން އަދި ނުފެށޭ ކަމަށެވެ. އަދި މީގެ އެންމެ ބޮޑު އެއް ސަބަބަކީ ކޮންޓެއިނަރު އުފުލުމަށް ޗާޓަރުކޮށްގެން ބޯޓެއް ބޭނުން ކުރަން ޖެހުން ކަމަށެވެ.

އެހެން ނަމަވެސް އެމްއެސްއެސްގެ އަމިއްލަ ބޯޓެއް މިހާރު ހޯދައިފައިވާ ކަމަށާއި، އެކުންފުނީގެ ދަތުރުތަކުގައި މި ބޯޓު ބޭނުންކުރަން ފެށުމުން ކުންފުންޏަކީ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި އޮޕަރޭޓްކުރަން ފެށޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

" ފައިނަލީ ބޯޓެއް ހޯދިއްޖެ، މިމަހުގެ ނިޔަލަށް، ބޯޓުގެ ޑެލިވަރީ ހިނގާނެ، މިއީ އަމިއްލަ ބޯޓަކަށްވީމަ ޗާޓަރު މާކެޓުގައި އެހުންނަ ބޮޑު އަގު ދޭކަށް ނުޖެހޭނެ، އެހިސާބުން ފެށިގެން އަޅުގަނޑުމެންގެ އޮޕަރޭޝަން ފައިދާވާ އޮޕަރޭޝަނަކަށްވެގެންދާނެ،" ސައީދު ވިދާޅުވިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިނަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ އޮންނަ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.