ޚަބަރު

އިތުރު 115 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 115 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ރާއްޖެއިން މިހާރު ކޯވިޑްގެ ގިނަ ކޭސްތަކެއް ފެންނަމުންދަނީ އަތޮޅުތަކުގެ ރަށްރަށުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 115 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 22 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 85 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 8 މީހަކުވެސް މީގެ ތެރޭގައި ހިމެނެއެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 87،186އަށް އަރާފައެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ފަރުވާ ހޯދާ މީހުންގެ އަދަދު މިހާރުވަނީ 1553 އަށް އިތުރުވެފައެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން، 20 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 110 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 85،378އަށް އަރާފައެވެ.

ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،541 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 242 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.