ޚަބަރު

2025ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ޓީ.ބީ ނައްތާލުމަށް މަސައްކަތް ފަށައިފި


2025ވަނަ އަހަރު ނިމޭއިރު ދިވެހި ރާއްޖެއިން ޓީ.ބީ ނައްތާލުމަށް އަމާޒުހިފާފައިވާކަމަށް މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަޞީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ޓީ.ބީ ބައްޔާ ގުޅޭ މަތީފަންތީގެ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ޓީ.ބީ ބައްޔާ ބެހޭ މަސައްކަތްތައް ހަރުދަނާކޮށް އާ ހިތްވަރަކާއެކު މިސަރަހައްދުން ޓީީބީ ނައްތާލުމާގުޅޭ މަތީފަންތީގެ ބައްދަލުވުމުގައި މި ސަރަޙައްދުގެ ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުންނާއި، ޚާއްޞަ މަންދޫބުންނާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވަނީ ދިވެހިރާއްޖެއިން ޓީ.ބީ ނައްތާލުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އަދި 2025ވަނަ އަހަރު ނިމޭއިރު ދިވެހިރާއްޖެއިން ޓީ.ބީ ނައްތާލުމަށް އަމާޒުހިފައި މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ދިވެހިރާއްޖޭގައި ޓީ.ބީ ޖެހޭ މިންވަރު މަދުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޓީ.ބީ ދެނެގަތުމަށް ހަރުދަނާ މަސައްކަތްތަކެއް ރާއްޖޭގައި ފަށާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މި ސަރަޙައްދުން ޓީ.ބީ ނައްތާލުމާއި، ޓީ.ބީއާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަށް ޞިއްޙަތާބެހޭ ވަޒީރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރުމަށް އެއްބަސްވާ ލިޔުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. 2030ވަނަ އަހަރު ޓީ.ބީ ބަލި ނައްތާލުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާޞިލްވުމަށް މަސައްކަތްކުރުމާއި، ޓީ.ބީ ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ އެންމެހައި ކަންކަން ފަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރުންވަނީ މި ލިޔުމުގައި އެއްބަސްވެވަޑައިގެންފައެވެ.

ޓީ.ބީއަކީ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ވައިގެ ޒަރިއްޔާއިން ގައިންގަޔަށް ފެތުރޭ މިބަލި އެންމެފާހަގަކޮށްލެވޭ ގޮތެއްގައި ޖެހެނީ ފުއްޕާމެއަށެވެ. ޓީ.ބީ ބައްޔަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނަމީހުން މަރުވާ 10 ބަލީގެ ތެރެއިން އެއް ބައްޔެވެ. އެގޮތުން ޓީ.ބީއަކީ ރާއްޖޭގައިވެސް ބޮޑު އަހަމިއްޔަތުކަމެއް ދީގެން ފަރުވާދެމުން އަންނަ ބައްޔެކެވެ.

އައިޖީއެމްއެޗްގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ ހޮސްޕިޓަލުން ފަރުވާދެމުންދިޔަ ބަލިމީހުންގެ ތެރެއިން 2019އާއި 2020ވަނަ އަހަރާ ދެމެދު 6 މީހަކުވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ. އާރު.އައި.ޑީ.ޑީ.ޔޫގައި 2019އާއި 2020ވަނަ އަހަރުގެ ތެރޭގައި 993 އަށްވުރެ ގިނަ ޓީ.ބީ ކޮންސަލްޓޭޝަން ހިންގާފައިވެއެވެ. 6215 ސްޕިއުޓަމް ސްމިއަރ (ކުޅުގެ ސާމްޕަލް ނެގުމުގެ) ޓެސްޓް ވަނީ ހަދާފައެވެ. މީގެ އިތުރަށް 2098 ޖީންއެކްސްޕާޓް ޓެސްޓަށް ސާމްޕަލް ހަދާފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.