ޚަބަރު

މިވަގުތުވެސް 6،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދޭ: އަސްލަމް


ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިވަގުތުވެސް 6000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ދުބާއީގައި މިވަގުތު ކުރިއަށްދާ އެކްސްޕޯ 2020ގައި ބޭއްވި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ހުޅުމާލޭގައި ފަސް ހާސް ހައުސިން ޔުނިޓުގެ ތިން މަޝްރޫޢެއް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި އިތުރު ބައެއް ކުދި މަޝްރޫޢުތަކުގެ 1000 ހައުސިން ޔުނިޓުގެ މަސައްކަތާއެކު ޖުމްލަ 6000 ހައުސިން ޔުނިޓުގެ މަސައްކަތް މިވަގުތު ކުރިއަށްދާކަމަށެވެ.

އެ 6000 ހައުސިންއަކީ ކޮންޓެކްޓްގައި ސޮއިކުރެވި ފައިސާވެސް ހަމަޖެހި ކުރިއަށްދާ މަޝްރޫޢުތަކެއްކަމަށާއި، މަސައްކަތްކުރައްވަނީ 2023އާ ހަމައަށް އެ ޔުނިޓުތަކުގައި މީހުން ދިރިއުޅެވޭވަރު ކުރަން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުން ކަނޑައަޅުއްވާފައިވާ ގޮތަށް 2023ގެ ނިޔަލަށް 10،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"މިހާރު ސޮލިޑުކޮށް، ކޮންޓްރެކްޓްގައި ވަނީ ސޮއިކުރެވިފައި. ފައިނޭންސް ހަމަޖެހިފައި ހުޅުމާލޭގައި އެބައޮތް 3 ޕްރޮޖެކްޓެއް އެއީ ފަސް ހާސް ޖުމްލަ. އަދި އެބައޮތް ކުދިކުދި ޕްރޮޖެކްޓްތަކާއެކު 1000ގެ ޕްރޮޖެކްޓް އެބައޮތް. އެހެންވީމަ 6000ގެ ޕްރޮޖެކްޓް މިހާރުވެސް ސޮލިޑް ގްރައުންޑްގައި އެބައޮތް." އަސްލަމް ވިދާޅުވިއެވެ.

މާލޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންނަށް ޚާއްސަކޮށްގެން އިތުރު 4000 ހައުސިން ޔުނިޓް ހަދަން ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާންކުރައްވާފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ޢިމާރަތްކުރާ ހައުސިން ޔުނިޓްތަކުގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންއާއި، އެފޯޑަބަލް ހައުސިންގެ އިތުރުން މިޑް ރޭންޖް ހައުސިންއެވެ.