ޚަބަރު

"އެއް މިލިއަންވަނަ ފަތުރުވެރިޔާ އަންނަ ހުކުރު ދުވަހު ރާއްޖެ އަންނާނެ!"


ރާއްޖެއަށް ފަތުރުވެރިން އަންނާނެކަމަށް ލަފާކުރި ޢަދަދު އަންނަ ހުކުރުދުވަހު ހަމަވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދުބާއީ އެކްސްޕޯ 2020ގައި ބޭއްވި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ކޯވިޑް-19އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ބޯޑަރު ހުޅުވާލީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. އޭރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 ފަތުރުވެރިންވެސް ރާއްޖެއަކަށް ނާދެއެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކާއި އިދާރާތައް ގުޅިގެން ކުރިމަސައްކަތުން މިހާރު ރާއްޖެއަންނަ ފަތުރުވެރިންގެ ޢަދަދު ބޯޑަރު ހުޅުވާލި ދުވަސްވަރާއި އަޅާބަލާއިރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ކޯވިޑާ ގުޅިގެން މުޅިދުނިޔެއަށް އައި އިޤްތިޞާދީ ހީނަރުކަމާ ގުޅިގެން މިއަހަރު ރާއްޖެއަށް އެންމެ މަދުވެގެން އެއް މިލިއަން ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒުހިފާފައެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުޞޫމް ވިދާޅުވީ، މިއަހަރު ރާއްޖެ އަންނާނެކަމަށް ލަފާކުރި ފަތުރުވެރިންގެ ޢަދަދުގެ އަމާޒަށް ވާސިލްވުމާ މިހާރު ގާތްވެފައިވާކަމަށެވެ. އެގޮތުން އަންނަ ހުކުރު ދުވަހު ރާއްޖެއަށް އެއް މިލިއަންވަނަ ފަތުރުވެރިޔާ އަންނާނެކަމަށް މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

"މިމަހުގެ 29ގައި އަޅުގަނޑުމެން މިބަލަނީ އެއް މިލިއަން ފަތުރުވެރިން މިއަހަރަށް ގުނާލެވޭނެކަމަށް. އަންނަ އަހަރު އިރާދަކުރެއްވިއްޔާ ފަތުރުވެރިކަމުގައި ވަރަށް ކާމިޔާބު އަހަރަކަށްވާނެ. މިއަހަރު އަޅުގަނޑުމެން މިފާހަގަކުރަނީ 2019އާ އަޅާބަލާއިރު ބެޑްނައިޓްސް މާ ގިނަ އަހަރަކަށް." ޑރ.މަޢުޞޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން އައި ހީނަރުކަމަށްފަހު ފަތުރުވެރިން އައި ޢަދަދަށްބާލައިރު ލިބުނު ގެއްލުން މިހާރު ފޫބެދިފައިވާކަމަށެވެ. ނަމަވެސް ލިބުނު ގެއްލުން މުޅިން ފޫބެއްދުނުކަމަށް ބެލެވޭނީ އައްޑޫ ސިޓީގައި ބަންދުކޮށްފައިވާ ދެ ރިސޯޓު ހުޅުވުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން އަލަށް ހުޅުވާލި ރަށްރަށާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ބޭރުގެ އިންވެސްޓަރުން މިހާރު ވަރަށް ބޮޑަށް، ރާއްޖެ ދެނެގަންނަމުންދާކަމަށާއި، މިއީ ރާއްޖޭގައި އިންވެސްޓްކުރުމަށް އެންމެ ރަނގަޅު ވަގުތުކަން އިންވެސްޓަރުންނަށް އެނގޭކަމަށެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރު ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑު ކުރިއެރުމެއް އަންނާނެކަމަށްބަލައި ފަތުރުވެރިކަމަށް ހުޅުވާލި ރަށްރަށަށް އިންވެސްޓަރުން އިންވެސްޓްކުރާނެކަމަށް ޤަބޫލުކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ބޭރު މީހުންވެސް އައިސް ދިވެހިންނާ ގުޅިގެން ކަންތައްތައް ކުރަންވީ. އެހެންވީމަ ދިވެހިންނާ ގުޅިގެން ރާއްޖެއަށް ގޮސް އެމީހުން ގަޔާވާ ރަށްތައް ބަލައި ދެން ރަށް ތަރައްޤީކުރުމަށް ބޭނުންވާނެ ފަންޑު ހޯދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް ބޭންކުތަކަށް ޕްރޮޕޯސަލް ހަދައި މިހުރިހާކަމަކުން ރަނގަޅު ޕްރޮޕޯސަލެއެއް ލެވޭނެގޮތަށް އަޅުގަނޑުމެން މި މުއްދަތު ހެދީ." ޑރ.މައުޞޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ހޯމް ސްޓޭ ޓޫރިޒަމް އަންނަ ޖެނުއަރީ މަހު ރާއްޖޭގައި ފެށިގެންދާނެކަންވެސް ފާހަގަކުރައްވާފައެވެ.